ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމަށް ޙަމަލާދިން މައްސަލައިގައި އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައިވާއިރު، މި އަޑުއެހުމުގައި ހާޒިރުވިި އެއް ހެއްކަކީ ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ފަރާތެކެވެ. އޭނާއަކީ މި މައްސަލައިގައި ދައުވާލިބޭ މީހުންނާ ގުޅުންހުރި ފޭސްބުކް ޕްރޮފައިލްތަކާ ގުޅޭ އެނާލިސިސް ހެއްދެވި އޮފިސަރެކެވެ.
މައްސަލައާ ގުޅިގެން ހެކިބަސް ދެއްވަމުން ހެކިވެރިޔާ ވިދާޅުވީ، 5 ފޭސްބުކް ލިންކެއް މި މައްސަލައާ ގުޅިގެން ބަލާފައިވާ ކަމަށާއި، އެ ޕްރޮފައިލްތައް ރަޖިސްޓްރީ ކޮށްފައިވަނީ ކޮން ނަންބަރުތަކަށްތޯ ބަލާފައިވާނެ ކަމަށެވެ. އެގޮތުން މި މައްސަލައިގައި އަޅާކިޔާފައިވާ ނަންބަރުތަކުގެ ފަހަތު ޑިޖިޓްތައް އެ އައިޑީތައް ރަޖިސްޓަރ ކޮށްފައިވާ ނަންބަރުތަކާ ދިމާވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ މި ރިޕޯޓުތައް ތައްޔާރު ކުރުމުގައި ގިނަ މަސްދަރުތަކެއް ބޭނުން ކުރެއްވިކަމަށް ހެކިވެރިޔާ ވިދާޅުވެފައިވާތީ، އެ މަސްދަރުތަކުގެ މައުލޫމާތުތައް ރިޕޯޓުގައި ހިމެނިފައިނުވަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އެފަދަ ކަންކަމަކީ ތަހުގީގީ ރިޕޯޓުުތަކާމެދު އޮންނަ އިތުބާރު ކުޑަވާ ކަމެއްކަން ފާހަގަ ކުރައްވައި ގާޒީ ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް އިޙްސާންއެވެ.
މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުމަށް ތާވަލުކުރެވިފައިވެއެވެ. އެގޮތުން ހޯމަ ދުވަހުވެސް ހެކިބަސް ނެގުން ކުރިއަށްދާނެއެވެ.
މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މި މައްސަލައިގައި ”ކޮންޓިނިއަސް ހިއަރިންގ“ ކުރިއަށް ގެންދަވައި، ވީހާވެސް އަވަަހަށް ހެކިބަސް ނެގުމުގެ މަރުޙަލާ ނިންމެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޝަމީމަށް ޙަމަލާދިން މައްސަލައިގައި އޭނާވެސް ވަނީ ކޯޓަށް ހާޒިރުވެ ހެކިބަސް ދެއްވާފައެވެ.
ހެކިބަސް ދެއްވަމުން ޝަމީމް ވިދާޅުވީ، ޙާދިސާ ހިނގި ދުވަހު ކަސްރަތު ކުރައްވަން ނުކުންނެވިއިރު ދެމީހަކު މަޑުކޮށްގެން ތިބިތަން ފެނުނު ކަމަށާއި، އެމީހުން ތިިބީ އެތަނުގައި ސައިކަލު ޕާކުކޮށްގެން ކަމަށެވެ. ދެމީހުންވެސް ތިބީ ހެލްމެޓު އަޅައިގެންކަމަށް ޝަމީމް ވިދާޅުވިއެވެ.
އޭގެ ފަހުން ގެއަށް ވަޑައިގެންނެވުމާ ހަމައަށްވެސް ބަޔަކު ފާރަލަމުންދާކަމުގެ އިހުސާސް ކުރެވުނުކަމަށް ޝަމީމް ވިދާޅުވިއެވެ.
ފަހުން ޝަމީމަށް ޙަމަލާދިނީވެސް އެދެމީހުންކަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ.
ޝަމީމް ވިދާޅުވީ، ކަސްރަތުކޮށް ނިންމާފައި ގެއަށް އައިސް ސައިކަލު ޕާކުކޮށްފައި ވަންނަން އުޅެނިކޮށް ބާރު ސްޕީޑުގައި ސައިކަލުގައި ދެމީހަކު އައި ކަމަށާއި، އައިސް އޭގެ ތެރެއިން އެކަކު އޭނާއަށް ޙަމަލާ ދިން ކަމަށެވެ. އެ ޙަމަލާ އަމާޒުވީ ޝަމީމްގެ އަތަށްކަަން ފާހަގަކޮށް އޭނާ ވިދާޅުވީ، އަތް ނުނެގުނު ނަމަ ޙަމަލާ އަމާޒުވާނީ އޭނާގެ ބޮލަށް ކަމަށެވެ.
ޙަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރު ބިންމައްޗަށް ވެއްޓުމުން އެ ހަތިޔާރު ނަގައިގެން އެމީހުން ދުވެފައި ދިޔަ ކަމަށާއި، ޙަމަލާދިނީ މަރުތޭލެއް ޒާތުގެ އެއްޗަކުންކަމަށްވެސް ޝަމީމް ކިޔާދެއްވިއެވެ.
މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ ޝަމާލް ހުސައިން (21 އ)، މުސްތަރީގެ، ތ. ގާދިއްފުށި، ޒަޔާން ނަސީރު (23 އ)، ކެމީހިޔާ، އދ. މާމިނގިލި، އަބާން އަބްދުލްހައްނާން (23 އ)، ރުވާ، ތ. ދިޔަމިގިލި ރަޖުވާން ލަތީފު (22 އ)، މުރިނގު، ލ. މާމެންދޫ، މިދުހަތު އާދަމް (24 އ)، ރިވެލި، ރ. އަލިފުށި، މުހައްމަދު ޖަޒްލާން (22 އ) ތުނޑި، ޖަވާހިރުވިލާ، ލ. ގަން އަދި އަހުމަދު މައިސާން ހާޝިމް (20 އ) ދަފުތަރު ނަންބަރު ދރ. 2247، ކ. މާލެއެވެ.

