ސިޔާސީ ޕާޓީތަކަށް މެންބަރުން ވަގަށް ވެއްދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަޙްޤީޤު ނިމުމާއެކު، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ދީފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމްޑީޕީއަށް ފޮނުވި ރަސްމީ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އިލެކްޝަންސް ކޮމިޝަނުން ހޯދާފައިވެއެވެ.
އެހެންކަމުން، މި މައްސަލައިގެ ތަޙްޤީޤު ފުރިހަމަވެ، ކަމާބެހޭ އިދާރާތަކުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހެޅުމުން، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމަށާއި، މައްސަލައިގެ ތަޙްޤީޤުގެ ކުރިއެރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ގާތުން ބަލަމުން ގެންދާނެ ކަމަށް އަންގާފައިވެއެވެ
މި ޖަވާބު ދެވިފައިވަނީ، ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް ވަގަށް މެންބަރުން ވެއްދި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުންނަށް އަމުރެއް ނެރެދިނުމަށް އެދި އެމްޑީޕީން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅި ސިޓީއަށެވެ.
އެމްޑީޕީން މި މައްސަލަ ތަޙްޤީޤުކޮށްދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށްވެސް ހުށަހަޅާފައިވެއެވެ.

