މީޑިއާ ރެގިއުލޭޓް ކުރުމަކީ މީޑިއާގެ ވަސީލަތްތައް ހިފެހެއްޓުމާއި މިނިވަންކަމަށް ހުރަސްއެޅުން ނޫން ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެކްސް މެދުވެރިކޮށް ނާޒިމް ޙިއްޞާކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންޓަވިއުއެއްގައި މީޑިއާ ރެގިއުލޭޓްކުރުމާ ގުޅޭގޮތުން އެމަނިކުފާނު ދެއްކެވި ވާހަކައިގެ ޙަޤީޤީ މާނަ އޮޅޭފަދަ ގޮތަކަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނާޒިމް ވިދާޅުވީ، އެއްވެސް ޙާލެއްގައި މިނިވަން މުއައްސަސާތަކާ ދެކޮޅު ނޫން ކަމަށާއި، މީޑިއާގެ މިނިވަންކަމަށް ހުރަސްނާޅާނެ ކަމަށާއި، އަދި އެފަދަ ކަމަކަށް ދުވަހަކުވެސް ތާއީދުނުކުރާނެ ކަމަށެވެ.
ނާޒިމް ޙިއްޞާކުރެއްވި ބަޔާނުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ، އެމަނިކުފާނުގެ ބަރުލަމާނީ ދައުރުގައި، މިހާތަނަށް ވޭތުވެދިޔަ ދިގު މުއްދަތުގައި ރައްޔިތުންނާ ގުޅުންހުރި އަދި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރާނެ ކަންކަމުގައި ވަކާލާތުކޮށް، ގިނަ ކަންތައްތައް ކާމިޔާބުކުރައްވާފައިވާ ކަމަށެވެ.
”މިގޮތުން ސިޔާސީ ޕާޓީތައް ތައާރަފްވެ އެކަންކަމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ވިސްނާ، ދިވެހި ސިވިލް ސާރވިސްގެ ގާނޫނެއް ލިޔެ، ސިޔާސީ ވަކިތަކުން ސިވިލް ސަރވިސް ސަލާމަތްކުރުމަށް އަޅުގަނޑު ކުރި މަސައްކަތް މިއަދުވެސް ފަހުރުވެރިކަމާއެކު ފާހަގަކުރަމެވެ. މީޑިއާއަކީ މިއަދު ވަރަށް ބޮޑު މިނިވަންކަމަކާއި ބާރެއް ލިބިފައިވާ، އަދި ޑިމޮކްރެޓިކް މުޖުތަމުއެއްގެ އެއް އަސާސްކަން އެއްގޮތަކަށްވެސް އަޅުގަނޑުމެން ހަނދާނެ ނައްތައިލައިގެން ނުވާނެއެވެ“
މެންބަރު ވިދާޅުވެފައިވަނީ، މިހާރު ދިވެހިރާއްޖޭގައި މީޑިއާ ރެގިއުލޭޓްކުރުމަށް ދެ މުއައްސަސާއެއް ޤާއިމުކޮށްފައިވާ ކަމަށެވެ. ނަމަވެސް، މި ދެ މުއައްސަސާ އެންމެ އެދެވޭ ގޮތުގައި މަސައްކަތް ނުކުރާކަން މީޑިއާތަކުން ވެސް ޤަބޫލުކުރާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ސަބަބުން ދައުލަތުގެ ވަސީލަތްތައް ތަކުރާރުވުމުގެ އިތުރުން، ނަތީޖާ ޙާޞިލުނުވާ ދެ މުއައްސަސާއެއްގެ ގޮތުގައި މިހާރު މި ދެ މުއައްސަސާ އޮތްކަމަށް މެންބަރު ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން މި ދެ މުއައްސަސާއަށް ޖުމުލަ 18 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކުރައްވައި، މިފަދަ ނާކާމިޔާބު މުއައްސަސާތައް އިޞްލާޙުކުރުމަކީ އެމަނިކުފާނުގެ އެއް އަމާޒުކަމުގައި ވިދާޅުވިއެވެ. އަދި މީޑިއާތަކުން ވެސް ބޭނުންވަނީ އެ ފަރާތްތަކުގެ ޙަޤީޤީ ބެލެނިވެރި ފަރާތަކީ ކޮބައިކަން ދެނެގަތުމާއި، އެ ބެލެނިވެރި ފަރާތަކީ އެ މީޑިއާތަކުގެ ޙައްޤުގައި އަޑުއުފުލާނެ ބާރުވެރި ފަރާތެއްކަން ޔަޤީންކުރުން ކަމުގައި ނާޒިމް ވިދާޅުވިއެވެ.
”މިފަހަކަށް އައިސް ސޯޝަލްމީޑިއާގެ އެކިއެކި މަންސަތައް ޒުވާނުން ބޭނުންކުރާ މިންވަރު މިވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޒުވާނުން މުނިފޫހިފިލުވުމުގެ އިތުރުން، ޒުވާނުން އާމްދަނީ ހޯދުމާއި އަދި އެމީހުންގެ ޝުއޫރުތައް ފުޅާކުރާ އެންމެ ވަރުގަދަ މަންސަތަކަކީ ސޯޝަލް މީޑިއާކަމުގައި މިވަނީ ވެފައެވެ. އެހެންކަމުން އެ މަންސަތައް ރެގިއުލެޓް ކުރުމަކީ މުހިންމު ކަމެއް ކަމަށް ހުރިހާ ފަރާތްތަކުންވެސް އެއްބަސްވެ ލައްވާނެއެވެ. އެއީ އެއްވެސް ހާލަތެއްގައި އެފަދަ މަންސަތައް ބްލޮކްކޮށް ނުވަތަ މީޑިއާގެ މިނިވަންކަން ނިގުޅައިގަތުމެއްނޫނެވެ.“
ނާޒިމް ވިދާޅުވި ގޮތުގައި، މިފަދަ މަންސަތައް ބޭނުންކުރާއިރު އަނެކާގެ އަބުރާއި ޢިއްޒަތަށް އިޙްތިރާމްކުރުމަކީ މުހިންމު ކަމެކެވެ. އަނިޔާ ލިބޭ ފަރާތްތަކުން އިންސާފު ހޯދުމަށް މަސައްކަތްކުރާއިރު، އެކަމަށް މަގުފަހިކޮށްދޭ އެންމެ މުހިންމު ވަސީލަތަކީ ސާފުކޮށް ލިޔެވިފައިވާ ޤާނޫނެވެ. އެހެންނަމަވެސް، މި ވަގުތު ދިވެހިރާއްޖޭގައި މިފަދަ ޚާއްޞަ ޤާނޫނެއް ނެތްކަމީ ޙަޤީޤަތެކެވެ. މިއީ އިންކާރުކުރެވެން ނެތް ކަމެއްކަމުގައި ނާޒިމް ފާހަގަކުރެއްވިއެވެ.

