އިލެކްޝަން ކޮމިޝަނަށް ހުށައަޅައިފައިވާ އެއްވެސް ފޯމެއް ވެރިފައި ނުކޮށް ޕްރޮސެސްކޮށްގެން ނުވާނެ ކަމަށާއި ވަގު ފޯމުގެ މައްސަލައިގައި އީސީން ގޯސްތަކެއް ހަދާފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ ވަގު ފޯމުތައް ހުށައަޅާ މައްސަލައަށް އެއްޗެއް ވިދާޅުވާން ދަތި ކަމަށާއި އެއީ އީފާސްގެ ރައްކާތެރި ކަމާމެދުވެސް ޝައްކު އުފެދޭތީ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ޑީއެންއާރުގެ ތެރެއިން ހިނގައި ދިޔަ ކަންކަމަކީ ސީދާ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހޯމް މިނިސްޓަރ މެދުވެރިވެގެން ކުރެއްވި ކަމެއް ކަމަށެވެ.
ފައްޔާޒް ވިދާޅުވީ އީފާސް މެދުވެރިކޮށް ޕާޓީއަށް ވަންނަ ނަމަ ރައްޔިތު މީހާގެ ހައްގު ގެއްލުމުގެ ބައި ކުޑަ ވާނެ ކަމަށެވެ. އެހެންނަމަވެސް އިލެކްޝަން ކޮމިޝަނުން އެ ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާ ނުކުރަނީ ކީއްވެތޯ ފައްޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ. ފާއްޔާޒް ވިދާޅުވީ މީހަކު ތިން ހަތަރު ފަހަރަށް ހަފްތާއެއްގެ ތެރޭގައި ޕާޓީ އޮޅުވާލައިގެން ބަދަލު ކުރުމުންވެސް ހުރިހާ ތަކުލީފެއް ޖެހެނީ ރައްޔިތު މީހާއަށް ކަމަށެވެ.
”އެމީހާ މިޖެހެނި ސާބިތުކޮށްދޭން، އެމީހާ މިޖެހެނި އަބަދު އިލެކްޝަން ކޮމިޝަންގެ ދަފްތަރުބަލައި ނުވަތަ މެސެޖު ފޮނުވަން ތިމަންނަ އޮތީ ކޮންޕާޓީއެއްގައި ތޯ ބަލައި އެ ބަދަލުކުރަން ހުށައަޅަން. މީކީ ނޫން މިކަން ވާންޖެހޭނެ ގޮތަކީ. އިލެކްޝަން ކޮމިޝަނަށް ފޯމެއް ހުށައެޅުނީމާ އިލެކްޝަން ކޮމިޝަނުން ބަލަން ޖެހޭނީ އެއީ ސައްހަ ފޯމެއްތޯ ނޫންތޯ“
ފައްޔާޒް ވިދާޅުވީ އެތައް 100 މައްސަލައެއް އެމްޑީޕީން ހުށައަޅާފައިވާ ކަމަށެވެ. މިހާރުވެސް ދެބައި ކުޅަ އެއްބައި ފޯމު މިހާރުވެސް ޕްރޮސެސްކޮށްފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދެބައިކުޅަ އެއްބައި ފޯމު ޕްރޮސެސް ކުރުމަކީ އިލެކްޝަން ކޮމިޝަނުގެ މައްސަލައެއް ކަމަށެވެ.
އެހެންކަމުން އީސީން މިޙާރު ޖެހޭނީ ހުރިހާ ފޯމެއް ބާތިލް ކުރަން ކަމަށާއި އެއީ އެ މައްސަލަ އޮތީ ޕީއެންސީއާއި ދެމެދު ވާތީ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ފޯމުތައް އަލުން ޕްރޮސެސްކޮށް އެ ޕާޓީއަށް އެންމެން ވެއްދުމަށްފަހު މައްސަލަ ހުށައެޅުމަށް ހުޅުވާލުމަކީ އެކަން ކުރަންޖެހޭ ގޮތް ނޫން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން ފައްޔާޒް ވިދާޅުވީ 60،000 މީހުން އެމީހުން ތިބި ޕާޓީއެއް ބަލައި، ޕޯޓަލްއަށް ވަދެ، އެ ބަދަލުކުރަން ހުށައަޅައި އެކަންކަން ކުރަންޖެހޭނީ ރައްޔިތު މީހާ ނޫން ކަމަށެވެ. މައްސަލަ ހުށައަޅައިގެން އެކަން ރަނގަޅު ކުރިނަމަވެސް އަނެއްކާވެސް އެ މައްސަލަ ތަކުރާރުވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ތިން ފަހަރަށް 10 ދުވަހުގެ ތެރޭގައި ޕާޓީ ރަނގަޅު ކުރަން ޖެހިފައިވާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

