ހއ. ގެ ރަށްތަކަށް ރަށްތަކަށް ކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން ފުރަތަމަ މަންޒިލެއްގެ ގޮތުގައި ހއ. މުރައިދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފި އެވެ.
ރައީސް މި ދަތުރުފުޅުގައި، އެ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މީގެ އިތުރުން، މި ދަތުރުފުޅުގައިވެސް ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެ އެވެ.
މި ދަތުރުފުޅުގައި އެކި ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތައް ފައްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ މަނިކުފާނުގެ މި ދަތުރުފުޅުގައި، ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވުމަށާއި، އައިޑީކާޑު އަދި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މި ދަތުރުފުޅުގައި، މަގޭ ސޯލާ ޕްރޮގްރާމްގެ ޢަމަލީ މަސައްކަތް ރައީސް ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ. އަދި ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ދެއްވުމަށް ކައުންސިލްތަކާއި ބެންކް އޮފް މޯލްޑިވްސްއާ ދެމެދު ވެވޭ އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބާއްވަވާ ހަފްލާތަކުގައިވެސް ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި، ތިލަދުންމަތީ އުތުރުބުރީގެ ދިހަ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމަށެވެ.
ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާ، ރަށްތަކާ، އަދި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
މި ދަތުރުފުޅު ނިންމަވާލައްވައި، މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

