ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ ތާއީދު އޮއްވައި، އެކަން އެނގި ތިބެ ސަރުކާރުގެ މައި ޕާޓީ ޕީއެންސީއަށް ސައްހަ ނޫން ފޯމު ހުށަހަޅާފާނެކަމަށް ދެކިގެން ނުވާނެކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް އަހަރު ފުރުމުގެ ކުރިޔަށް ޕީއެންސީއަށް 70،000 އަށް ވުރެ ގިނަ މެމްބަރުން ހަމަ ކުރުމުގެ އަޒުމުގައި ކުރިޔަށް ގެންދިޔަ މެމްބާޝިޕްގައި ބައި ލައްކައަށް ވުރެ ގިނަ ފޯމު ފުރާފައި ވެއެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ޕާޓީގައި މިހާރު ތިބި މެމްބަރުންގެ އަދަދު 65،000 އަށް ވުރެ ގިނައެވެ. އެކަމަކު އެއާއި އެކު ސައްހަ ނޫން ނުވަތަ ވަގު ފޯމުތަކެއްގެ މައްސަލަ ފެންމަތިވެ އެކަން އިދިކޮޅު ޕާޓީތަކުން ވަނީ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާފަ އެވެ.
ވަގު ފޯމު ހުށަހެޅިކަމަށް ކުރާ ތުހުމަތުތައް ޕީއެންސީ ދޮގު ކުރާއިރު، އެ ޕާޓީއާއި ދެކޮޅަށް އީސީއާއި ފުލުހަށް މައްސަލަ ހުށަހެޅީ އެމްޑީޕީއާއި ޑިމޮކްރެޓްސް އެވެ.
މި މައްސަލައިގައި ކުރާ ތުހުމަތުތަަށް އިބްރާހިމް ދޮގު ކުރައްވާފައި ވަނީ ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައެވެ.
ސައްހަ ނޫން ފޯމުތަކުގެ މައްސަލައިގައި، އިބްރާހިމް އެންމެ ފުރަތަމަ ވެސް ކަންބޮޑުވުންފާޅު ކުރެއްވީ އެއީ ވަގު މެމްބާޝިޕްކަމަށް ބަސްމަގު ބޭނުން ކުރާތީ އެވެ. އަދި ”ވަގު ފޯމު“ ބޭނުން ކުރުން ހުއްޓާލުމަށް ގޮވާލައި، އިބްރާހިމް ވިދާޅުވީ ދެ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި 60،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާއިރު އެކަމުގައި ކުށެއް ހިމެނިފައި އޮވެދާނެކަމަށެވެ. އިބްރާހިމް ވިދާޅުވީ އޭގެ ތެރޭގައި އެކެއްގެ ދެ ފޯމު ނުވަތަ ބަޔަކު ގަސްތުގައި އޮޅުވާލުމުގެ ނިޔަތުގައި ވެސް ސައްހަ ނޫން ފޯމު ހުށަހަޅާފައި އޮތުމުގެ ފުރުސަތު ވެސް އެބައޮތެވެ.
އިބްރާހިމް ވިދާޅުވީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރަށް އިންތިހާއަށް ތާއީދު ލިބެމުންދާ ވަގުތެއްގައި ސައްހަ ނޫން ފޯމުތައް ހުށަހަޅައި ޕާޓީގެ މެމްބާޝިޕް އޮޅުވާލަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެހެންކަމުން އެ ހާލަތަށް ބަލައި ޕީއެންސީގެ މަސައްކަތްތަކަށް ހުރަސްއަޅައި، ސުވާލު އުފެއްދުމުގެ ގޮތުން އެހެން ބަޔަކު ވެސް ފޯމުތައް ހުށަހަޅާފާނެ ނޫންތޯ މެމްބަރު ސުވާލު އުފެއްދެވިއެވެ.
މީގަ ބަލަން ޖެހޭނެކަމަކީ ގަސްތުގައި ރާވައިގެން، ޕާޓީއަކުން އެކަހަލަކަމެއް ކުރާނެތޯ.. އަޅުގަނޑެއް ގަބޫލެއް ނުކުރަން ޕީއެންސީން އެކަހަލަކަމެއް ކުރިކަމަކަށް.. އަދި އެކަން ކުރެވޭނެކަމަކަށް ވެސް ސަބަބަކީ.. އާދަޔާ ހިލާފަށް ހޯލްސޭލްކޮށް ތާއީދު ލިބެމުން އަންނައިރުގަ، ކޮން ބޭނުމެއްތޯ އޮތީ އަޅުގަނޑުމެންނަށް.. އަދި އަމުދުން މިސާލަކަށް އިދިކޮޅުގެ ޕާޓީއެއްގެ ވެރިއެއްގެ ނަމުގައި ފޯމެއްލައިގެން..
އިބްރާހިމް ތަކުރާރުކޮށް ވިދާޅުވީ ބައިލައްކައަށް ވުރެ ގިނަ ފޯމު ހުށަހަޅާއިރު، އޭގެ ތެރޭގައި ގޯހެއް ހެދިފައި އޮވެދާނެކަމަށާއި އެއީ ގަސްތުގައި ހިންގާ އަމަލެއް ނޫންކަމަށެވެ. އަދި އިދާރީ ގޮތުން ޕާޓީގައި ގިނަ ގުނަވަންތައް އޮތް ނަމަވެސް ފޯމުތަކުގެ ޕްރޮސެސް އޮފީހުގު ތެރޭގައި ހިންގުމުގެ ގާބިލުކަމެއް ނެތްކަމަށެވެ.
މީގެއިތުރުން އިބްރާހިމް ވިދާޅުވީ މަދު ފޯމެއްގައި މައްސަލައެއް ހުރުމުން، އެ މައުޟޫއު ނަގައި ވާހަކަ ދައްކަން ޖެހޭކަމަށް އޭނާ ގަބޫލު ނުކުރާކަމަށެވެ.
އެއަށް ވުރެ މާ ރަނގަޅު، ރައްޔިތުންނަށް ފައިދާ ހުރި ވާހަކަތަކެއް އެބަހުރި..
އިބްރާހިމް ވިދާޅުވީ ސިޔާސީ ގޮތުން ދައްކަން ނުޖެހޭ ވާހަކަތައް ދޫކޮށް އެމްޑީޕީ ވިސްނަންވީ އެ ޕާޓީގެ ވެރިކަމުގައި ހެދުނު ގޯސްތަކާއި މެދުކަމަށެވެ. އަދި އެކަންކަން ހައްލު ކުރުމަށް މި ސަރުކާރުން ފިޔަވަޅު އަޅާފައިވާއިރު އެކަންކަން ބެލުން މާ ރަނގަޅުކަމަށް ވިދާޅުވިއެވެ.

