ރަށްރަށަަށް ވަޑައިގެން ކުރައްވާ ދަތުރުފުޅުތަކުގައި ދިމާވާ ރައްޔިތުުން ސަލާންކޮށްލާފައި ބުނެދެނީ އެ ރަށްރަށުގައި ނުވެ ހުރި މުހިއްމު ކަންކަމުގެ ވާހަކަކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެހެން ވިދާޅުވީ ހއ މުރައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަކީ ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ މަސައްކަތް ކަމަށެވެ. އަދި ސަރުކާރުން ކުރާ މަސައްކަތްތަކުގެ މަޝްވަރާ ރައްޔިތުންނާ ހިއްސާ ކުރެއްވުމަކީވެސް މި ދަތުރުތަކުގެ ބޭނުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، މި ދަތުރުތަކާ ގުޅުވައި ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ދައްކަވާ ވާހަކަތަކަކީ އެއްވެސް ޕްލޭނެއް ނެތި ދައްކަމުންދާ ވާހަކަކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި، ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ގާތަށް ގޮސް ސަރުކާރުން ދައްކަމުންދާ ވާހަކަތަކަކީ ތަފްސީލާއެކު ދައްކާ ވާހަކަތަކެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ.
އެއްވެސް ޕްލޭނެއް ނެތި، ބަޖެޓެއް ނެތި މަސައްކަތް ކުރަނީއެއް ނޫން، ވަރަށް ސާފުކޮށް ސަރުކާރުގެ މަސައްކަތްތައް އަޅުގަނޑުމެން އަބަދުވެސް ހާމަކުރަން
ރައީސް އިތުރަށް ވިދާޅުވީ، ތަފާތު އެކި ސަބަބުތަކާހުރެ މިދިޔަ ސަރުކާރުގައި ފެށި އެކި މަޝްރޫއުތައް ހުރީ ހުއްޓިފައި ކަމަށާއި، މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީ ހުއްޓިފައި ހުރި މަޝްރޫއުތަކާއި، އަލަށް ފަށާ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކަމަށެވެ.
އޭގެ އިތުރުން، ރަށްރަށަށް ވަޑައިގެން ސަލާން ކުރައްވާއިރު އާންމު ރައްޔިތުން ހިއްސާކުރާ ކަންކަމަކީ ވައުދުވެ، ރަށްރަށުގައި ހިނގަން ޖެހިފައި ހުރި މުހިއްމު ކަންކަންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު، ރަށްރަށުގެ ސިއްޙީ ޚިދުމަތާއި ތައުލީމީ ޚިދުމަތްތައް މިހާރަށްވުރެ ތަރުތީބު ކުރުމަށްވެސް ސަރުކާރުގެ ގިނަ ޕްލޭންތަކެއް ހިމެނިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޕްލޭންކޮށްގެން، އަދި ވަކި ތަރުތީބެއްގެ މަތިން ކަމަށެވެ. މިސާލަކަށް މުރައިދޫގައިވެސް އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ބަނދަރު މަޝްރޫއު ހިމެނޭކަން ރައީސް ފާހަގަ ކުރެއްވިއެވެ. ރައީސް ވަނީ އެކަންކަމަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ، އަބަދު ރައްޔިތުން ތަކުލީފު އުފުލަން ޖެހުމަކީ އިންސާފެއް ނޫން ކަމަށާއި، އެހެންކަމުން އެމްޓީސީސީން އެ ރަށުން ފައިބާނީ ރައްޔިތުން އެދޭގޮތަށް އެރަށުގެ ބޭރު ތޮށީގެ މަސައްކަތް ކޮށްފައި ކަމަށެވެ.
އެއަށްފަހު އެރަށު މަގު ހެދުމުގެ މަޝްރޫއުވެސް ވަކި މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންނެވި ވައުދުފުޅުތައް ފުއްދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

