ޓުއަރިޒަމް މިނިސްޓަރުކަމުގެ މަގާމު އިބްރާހިމް ފައިސަލް އަދާކުރެއްވީ އިހުލާސްތެރިކަމާއިއެކުކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އޭނާގެ ބައްޕާފުޅު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގެންނެވި އިރު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަނީ ވަކި ކުރައްވާފަ އެވެ. މަގާމުން ފައިސަލް ވަކި ކުރި ސަބަބެއް އަދި ސާފުނުވާއިރު، މިކަމާއި ގުޅޭގޮތުން ފައިސަލް ވެސް ވަކި އެއްޗެއް ވިދާޅެއްނުވެއެވެ.
އަބްދުއްރަހީމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ދަރިފުޅު މަގާމުގެ މަސްއޫލިއްޔަތު އަދާކޮށްފައި ވަނީ އިހުލާސްތެރިކަމާއި އެކުކަމަށެވެ. އަދި ފައިސަލް ކުރެއްވި މަސައްކަތާއި، ހޯދި ކާމިޔާބީތަކާއި މެދު މުޅި އާއިލާ ފަހުރުވެރިވާކަމަށް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ފައިސަލް އަބަދުވެސް އިސްކުރައްވާފައި ވަނީ، ތެދުވެރިކަމާއި އިހުލާސްތެރިކަން ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ދިވެހި ރައްޔިތުންނަށް ފެނި ދާއިރާގެ ލޯބި ފައިސަލް ހޯއްދެވިކަމަށް ވެސް ވިދަޅުވި އެވެ.
އަވްދުއްރަހީމް ވަނީ ފައިސަލްއަށް ކެތްތެރިކަން ދެއްވައި، އުޖާލާ މާދަމައެއް ލިބުމުގެ އުންމީދު ކުރައްވާކަމަށް ވިދާޅުވެފަ އެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސް ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނަވައި ފައިސަލް ވަނީ ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

