ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ވަކިކޮށް، ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޗެއާޕާސަންކަމުން ދުރު ކުރަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނެތްކަމަށް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި، އިބްރާހިމް ފައިސަލް މަގާމުން ކުއްލި ގޮތަކަށް ވަކި ކުރުމާއި އެކު މީޑިއާތަކުގައި ތަފާތު އެކި ވާހަކަތައް ދަނީ ދެކެވެމުންނެވެ. އެގޮތުން ފައިސަލް މަގާމުން ވަކިކޮށް، އަބްދުއްރަހީމް ވެސް މިވަގުތު ފުރުއްވަމުން ގެންދަވާ މަގާމުތަކުން ވެސް އެކަހެރި ކުރުމުގެ މަސައްކަތް ޕީއެންސީ ކުރަމުންދާކަމަށް ރިޕޯޓުތަކުގައިވެއެވެ.
އެގޮތުން ބައެއް މީޑިއާތަކުގައި ވަނީ ޕީއެންސީގެ ހިންގުމުގެ ކަންކަމުން ވެސް އެކަހެރިކޮށް، ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން މިހާރު މަސައްކަތް ކުރަމުން ދަނީ އަބްދުއްރަހީމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށްކަމަށެވެ.
މި ހަބަރުތަކާއި ގުޅޭގޮތުން ”ސަންގު“ އިން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެފަދަ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ. އަދި މަގާމުތަކުން ވަކި ކުރަން އުޅޭކަން އެނގިފައި ނުވާކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން އަބްދުއްރަހީމް މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ފައިސަލް މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާފައި ވަނީ އިހުލާސްތެރިކަމާއި އެކުކަމަށެވެ. އަދި އަމާޒަށް ވާސިލުވެ، ނަތީޖާ ނެރެދެއްވައި، ފައިސަލް ދާއިރާގެ އެތައް ބައެއްގެ ލޯބި ހޯއްދާފައިވާކަމަށް ވެސް ވިދާޅުވި އެވެ.

