ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ދިއްކޮށްލާ ސިޓީތަކުގައި ޒަމާންތަކެއް ވަންދެން ނުވެހުރި ކަންކަމުގެ ލިސްޓުތައް!

ރައީސް ޑރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުޙައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން އާންމު ރައްޔިތުން އެމަނިކުފާނާ ބައްދަލު ކުރައްވައި އެކިއެކި ކަންބޮޑުވުންތައް ހިއްސާކުރާ މަންޒަރު ދޭތެރެ ދޭތެރެއިން ދަނީ އާންމުވަމުންނެވެ. ބައެއް ފަހަރު އެ ކަންބޮޑުވުން އަންނަނީ ނޯޓެއްގެ ސިފައިގައެވެ. ބައެއް ފަހަރު ސިޓީއެއްގެ ޒަރިއްޔާއިންނެވެ.

ނޫނީ އާންމު ރައްޔިތަކު ރައީސާ ސަލާމް ކުރައްވަމުން ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރެއެވެ. ބައެއް ފަހަރު ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި ވެސް މި ދެންނެވި ފަދަ ކަންބޮޑުވުންތައް ހިއްސާކުރެއެވެ.

އެ ވާހަކަތައް ތަފާތު އެކި ގޮތްގޮތަށް އެކި ފަރާތްތަކުން މާނަ ކުރަމުން ދަނިކޮށް ރައީސް މިވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ވިދާޅުވާ ގޮތުގައި ރައްޔިތުން އެމަނިކުފާނާ ބައްދަލު ކުރައްވައި، ނުވަތަ ހިއްސާ އެ ކުރައްވާ ކަންކަމަކީ ޒަމާންތަކެއް ވަންދެން ނުވެ ހުރި، މުހިއްމު ކަންކަމުގެ ވާހަކައެވެ. ކޮންމެހެންވެސް ކުރަން ޖެހިފައިވާ، ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ ޒަރޫރަތްތަކުގެ ވާހަކައެވެ.

ނިމިދިޔަ އެތައް ސަރުކާރުތަކުން އެކި އެކި މަންސަތަކުގައި ވައުދުތައްވެ، މިއަދާ ހަމައަށްވެސް ނުވެ ހުރި ކަންކަމުގެ ވާހަކައެވެ. ކޮންމެ ވެރިކަމަކާއެކު، ކޮންމެ ރައީސެއްގެ އަރިހަށް އާދޭހާއެކު ދާ ފަދައިން ރައްޔިތުން މިއަދުގެ ވެރިކަމުގައިވެސް އާދޭސް އެ ކުރަނީ ޒަމާންތަކެއްވަންދެން އެ ރައްޔިތުންނަށް ނުވެ ހުރި ކަންކަމުގެ މުހިއްމުކަމާއި އެކަންކަން ކޮށްދިނުމާ ގުޅޭގޮތުންނެވެ.

ރާއްޖޭގައި އެތައް ވެރިކަމެއް ބަދަލުވެއްޖެއެވެ. އެތައް ރައީސުންނެއް ވެރިކަން ކުރައްވައިފިއެވެ. އެތައް ޤާނޫނުތަކެއް ފާސްކޮށް، ޤަވާއިދުތަކެއް ހަދައި، ނަމުގައި އަޅުގަނޑުމެންނަކީ ތަހުޒީބު ބަޔަކަށްވެއްޖެއެވެ. އަހަރުން އަހަރަށް ފާސްކުރާ ބަޖެޓުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަހަރުން އަހަރަށް އެކި ވެރިކަންތަކުގައި ވާ ވައުދުތަކުގެ ލިސްޓު ދަނީ ދިގުވަމުންނެވެ.

އެހެންނަމަވެސް، މިއަދު 2025 ވަނަ އަހަރުވެސް އަޅުގަނޑުމެން އަޑުއަހަންޖެހިފައި މިވާ ވާހަކައަކީ ރަށްރަށުގެ ބަނދަރު ނުހެދި އޮތް ވާހަކައެވެ. މިވެނި ރަށެއްގެ ކަރަންޓު އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭ ވާހަކައެވެ. ރަށްރަށުގެ ފެނާ ނަރުދަމާ ނިޒާމު ޤާއިމު ކުރުމަށް މަޝްރޫއުތައް ކުރިއަށްދާ ވާހަކައެވެ. ކުރިއަށް ދާނެ ވާހަކައެވެ.

ވީއިރު، މި ވޭތުވެދިޔަ އެކި ވެރިކަންތަކުގައި އަޅުގަނޑުމެން މި ހޯދި ތަރައްޤީ ވީ ކޮންތާކުބާއެވެ؟ ތަރައްޤީއަކީ އާންމު ނިކަމެތި ރައްޔިތުންނަށްވެސް އެންމެ ޒަރޫރީ ކަންކަމާއި އަސާސީ ޚިދުމަތްތައް ހޯދައިގެން ގެނެވޭ ތަރައްޤީއެއް ނޫންބާއެވެ؟

ކަން މިހެން އޮތްއިރު، ރަށަކަށް ރައީސަކު ވަޑައިގެންނެވުމުން އެ ދިއްކުރާ ނޯޓުކޮޅުގެ ވާހަކަ ސިޔާސީ ވާހަކައަކަށް ހެދޭކަށް ނެތެވެ. އެ ނޯޓުކޮޅުގެ ފަހަތުގައިވާ ވާހަކައިގެ ޒިންމާ ފާއިތުވި، އަދި ހިނގަމުންދާ ވެރިކަންތަކުގެ މައްޗަށްވެސް ނާންނާނެ ގޮތެއް ނޯންނާނެއެވެ. އެ ނޯޓުކޮޅުތަކުން ބުނެދެނީ ޒަމާންތަކެއް ވަންދެން ނުވެހުރި، ޒަރޫރީ ކަންކަމުގެ ވާހަކައެވެ. އަސާސީ ޚިދުމަތްތަކުގެ ވާހަކައެވެ. އެތައް ސަރުކާރެއް އައިސް ގޮސްފައިވާއިރު، ނުވެ ހުރި މުހިއްމު ކަންކަމުގެ ވާހަކައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: