ހއ. ދިއްދޫއަށް ދެން ވަޑައިގަންނަވާނީ އެރަށަށް ޖައްސާ މަތިންދާބޯޓުގައި އެރަށުގެ އެއާޕޯޓު ހުޅުވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ، ދިއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެއާޕޯޓުގެ މަސައްކަތް އެއީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އޭގެ އިތުރަށް އަތޮޅުގެ މެދު ރާސްތާ އާއި ދުރު ރާސްތާގެ ތަރައްގީގައިވެސް ސަރުކާރުން ކަނޑައަޅައިފައިވާ ސަރަހައްދީ ތަރައްގީގެ ޕްލޭނުގައިވެސް އޮތް ތަރައްގީގެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެމްޕެއިނުގައާއި އަދި އެހެންވެސް ޕޯޑިއަމްތަކުގައި ވިދާޅުވެފައިވާ ފަދައިން އުތުރުގެ 4 އަތޮޅު އެކުއެކީގައި އިންޓަރގްރޭޓް ވެފައި އޮންނަ ތަރައްގީގެ ޒޯނެއް ގޮތުގައި ދުރުރާސްތާއަށް ތަރައްގީ ކުރަން ނިންމާފައިވާކަމަށެވެ. ދިއްދޫގައި އެއާޕޯޓް ހެދުމަކީ އެމަނިކުފާނު ގެންގުޅުއްވާ ސަރަހައްދީ ތަރައްގީގެ ވިސްނުމުގައި ކުރަން ޖެހޭ ކަމެއް ކަމަށާއި އެކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރުމަށްޓަކައި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވި އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެއެވެ.
”އެމްޓީސީސީއަށް ބައެއް މަސައްކަތް، އަދި ބޭރުގެ އެކި ފަރާތްތަކާއި އެކީގައިވެސް ފްރޭމްވޯކް އެގްރީމެންޓެއްގައި ސޮއިކުރެވި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އަމަލީ މަސައްކަތް ފެށުމާއި ހަމައަށް މިދަނީ. އަޅުގަނޑު ދޭ ޔަގީންކަމަކީ އޭގެ ހުރިހާ ތަފްސީލުތަކަށް ދިޔުމުގެ ބަދަލުގައި އިރާދަކުރެއްވީތީ އެމަސައްކަތް މިއަހަރުގެ ތެރޭގައި ވަރަށް އަވަހަށް އަމަލީ ގޮތުން ބިން ހިއްކުމާއި އެކީގައި ފަށައި، ބިންހިއްކުމާއި ދެން އިތުރަށް ކުރަންޖެހޭ ޝޯ ޕްރޮޓެކްޝަން އަދި ރަންވޭ މިހެންގޮސް ހުރިހާ ކަމެއް ފެށޭ ހިސާބުން ބާރު ސްޕީޑުގައި ގެންގޮސް ނިންމައިދޭނަން“
ރައީސް ވިދާޅުވީ ދިއްދޫގެ އައު އެއާޕޯޓު އެޅުމާއިއެކު އެރަށަށް އަންނަ ފުރަތަމަ މަތިންދާ ބޯޓުތަކުން ޓިކެޓު ނަގައިގެން އަންނާނީ ސިޔާސީ ގޮތުން ޕީއެންސީއަށް އިދިކޮޅު މީހުންކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީ ގެންނަނީ އެންމެންނަށް ހަމަހަމަކޮށް ކަމަށާއި، ސިޔާސީ ފިކުރު މުހިންމު ނޫންކަމަށާއި ހުރިހާ އެންމެންވެސް އެއްވަރު ކަމަށެވެ.
ގައުމަށް ގެނެވޭ ތަރަައްގީއެއް، ރަށަކަށް ގެނެވޭ ތަރައްގީއަކީ ސިޔާސީ ކަމެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. އެއީ ދުރުރާސްތާއަށް، ކުރިއަށް ޖީލުގެ މުސްތަގުބަލަށް ޕްލޭން ކުރެވޭ ސީރިއަސް މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

