ޗައިނާގެ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، އެ ޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޗައިނާގެ ރައީސަށާއި، ޗައިނާގެ އެކުވެރި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
މީގެ އިތުރުން، ޗައިނާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަޙުމަތްތެރިކަމުގެ ގުޅުމުގެ މައްޗައް އަލިއަޅުއްވާލައްވައި، މި ގުޅުން ބިނާވެފައިވަނީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އިޙްތިރާމާއި އިތުބާރުގެ މައްޗަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.
އަދި ދެ ޤައުމުން އެކުގައި މަސައްކަތްކޮށްގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ހަމައެއާއެކު، ރައީސް ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

