ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، އަނެކާއާއި މެދު ބަހުރުވަ ހުންނަން ޖެހޭނީ ރިވެތި އަހުލާގާއި ވަކި ހުދޫދެއްގެ ތެރެއިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ސަރުކާރާއި އެމަނިކުފާނަށް އަމާޒުވާ ގޮތަށް، ތަފާތު އެކި ފާޑުކިއުންތައް އަމާޒު ކުރުމަކުން އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް ވާހަކައެއް ދެކެވެން ވާނީ ހުދޫދެއްގެ ތެރެއިން، ރިވެތި އަހުލާގާއި ރިވެތި ބަހުރުވަ އިސްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނާނެކަން ދަންނަން ޖެހޭކަމަށާއި، އަނެކާއަކީ ތިމާއަށް ވުރެ ދެރަ ނިކަމެތި މީހެއްކަމަށް ދެކިގެން ނުވާނެކަމަށެވެ. ހާއްސަކޮށް ސިޔާސީ ގޮތުން ހިޔާލުތަފާތުވުމުގެ ސަބަބުން އަނެކާ ކުޑަކޮށް، ކުޑައިމީސް ކުރުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެން ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
ކިތަންމެ އެއްޗެއް ސަރުކާރާއި ދިމާލަށް، އަޅުގަނޑާއި ދިމާލަށް ކިއުމަކީ އަޅުގަނޑަށް މައްސަލައެއް ނޫން.. އެހެން ނަމަވެސް މާތްވެގެންވާ އިސްލާމް ދީނުގެ މަތީގައި ގާއިމުވެފައިވާ ގައުމެއްވީމައި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައި އޮންނަ ހަމަތައް އެންމެން ވެސް ގަބޫލު ކުރަން ޖެހޭނެ.. ރިވެތި އަހުލާގު، ރިވެތި ބަހުރުވައިން ވާހަކަ ދައްކަން ޖެހޭނެ. ކޮންމެ ރައްޔިތަކީ ވެސް ހުރުމަތްތެރިވެގެންވާ ރައްޔިތެއްކަން ދަންނަން ޖެހޭނެ.. ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނާނެކަން ދަންނަން ޖެހޭނެ.. ތިމާއަށް ވުރެ ނިކަމެތިކަމަށް އަނެކާއަށް ދެކުމަކީ ދީނީ ގޮތުން އޮތްކަމެއް ނޫންކަން ދަންނަން ޖެހޭނެ..
ރައީސް ވިދާޅުވީ ގައުމަށް ހަމަޖެހުން ބޭނުންވާކަމަށާއި، އެކަން ގެނެވޭނީ ކޮންމެ ރައްޔިތަކު ވެސް އެ ޒިންމާ އަދާކޮށްގެން ކަމަށެވެ. އަދި ތަރައްގީގެ ކިތަންމެ މަޝްރޫއުއެއް ތަންފީޒުކޮށް، ޒަމާނީ ފެންވަރުގެ ވަސީލަތްތައް ގެނެވުނު ނަމަވެސް ގައުމެއްގައި ހުންނަން ޖެހޭނެ އެންމެ އަސާސީ އެއް ސިފައަކީ އެއީކަން ފާހަގަކުރެއްވިއެވެ.

