ލާމަރުކަޒީ ނިޒާމު އޭގެ ފުން މާނައިގައި ހިންގަންޖެހޭނެކަމަށް ވަކާލާތު ކުރައްވަނީވެސް ހަމައެކަނި މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒުކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހއ ތަކަންދޫގައި ދެއްކެވި ވާހަކަފުޅުގައި ޝުޖާއު ވިދާޅުވީ، ރައީސް އެރަށަށް ވަޑައިގެންނެވީ ހުސްއަތާ ނޫން ކަމަށާއި، ލާމަރުކަޒީ ނިޒާމު އޭގެ ފުން މާނައިގައި ހިންގަންޖެހޭނެކަމަށް ވަކާލާތު ކުރައްވަނީވެސް ހަމައެކަނި މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު ކަމަށެވެ. ވަކިން ޚާއްސަކޮށް ކައުންސިލުތަކުގެ އިހުސާސް ރައީސަށް ބޮޑަށް އެނގިވަޑައިގަންނަވާނެކަންވެސް ޝުޖާއު ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ މުޙައްމަދު މުއިއްޒު ރަށްރަށަށް ވަޑައިގަންނަވަނީ ރައްޔިތުންގެ ޙާލު ބެލުމަށްކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން މީގެ ކުރިން ރައީސުން އަބަދުވެސް ވަޑައިގަންނަވަނީ ކޮންމެވެސް ރަސްމީ މަސައްކަތެއްގައިކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.
ރައީސް އަބަދުވެސް އިރުޝާދު ދެއްވާ ރައްޔިތުން ގާތަށް ރަށްރަށަށް ވަޑައިގެން ކަންކަން އޮޅުންފިލުއްވުމަށް
މި ވެރިކަމަކީ އެތައް ރައްޔިތުންގެ މަސައްކަތުން ގެނެސްފައިވާ ވެރިކަމެއްކަން ފާހަގަ ކުރައްވައި މެމްބަރު ޝުޖާއު އިތުރަށް ވިދާޅުވީ، މި ވެރިކަމުގައި ޤައުމެއް ކުރިއަރައިދިއުމުގައި އިސްރަށްވެހިންގެ ދައުރަށް ދޭ އަހައްމިއްޔަތުކަން ޖަލްސާއަށް ބަލާލުމުންވެސް ފެނިގެންދާކަމަށެވެ.
އޭގެ އިތުރުން، ރައީސް ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމުގައި އެތައް މައްސަލަތަކެއް ހުރިކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން އިޖުތިމާއީ ފޭރާމާއި، ބިދޭސީންގެ މައްސަލައާއި، ގޭންގް މާރާމާރީ އަދި މަސްތުވާތަކެއްޗާގުޅޭ އެތައް މައްސަލަތަކެއް ޙައްލު ކުރުމަށް މި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.
މިހާރު ފެންނަމުންދަނީ އިޖުތިމާއީ ފޭރާން ރައްކާތެރިކުރުމަށް ވެރިއަކު އެންމެ ބުރަކޮށް މަސައްކަތް ކުރަމުންދާ މަންޒަރު
ހަމައެއާއެކު، މަސްވެރިންގެ ކަންބޮޑުވުންތަކާއި އެނޫންވެސް އާންމު ރައްޔިތުންނާ ގުޅުންހުރި ކަންބޮޑުވުންތައް ޙައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް މެމްބަރު ފާހަގަ ކުރެއްވިއެވެ.

