ގާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ހައްގެއް އޭގެ އެންމެ ފުރިހަމަ މިނުގައި ލިބިދީފައި އޮތުން ސަރުކާރުން މިއަދާއި ހަމައަށް ތަންފީޒު ކުރައްވާފައި ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް މުއިއްޒު ރައްޔިތުންނަށް ދެއްވީ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިޔަށްދާނެކަމުގެ ޔަގީންކަމެވެ. އަދި ނިމިދިޔަ އަހަރު ސަރުކާރު ހިންގުމުގައި ދިމާވި ބައެއް ދަތިތައް ފާހަގަކުރައްވައި، ވަނީ 2025 ވެގެން ދާނީ ރައްޔިތުން އެދޭ ބަދަލު ފެންނަ އަހަރަށްކަމަށް ފާހަގަކުރައްވާފަ އެވެ.
ރައީސް ވިދާޅުވީ ކޮންމެ ރައްޔިތަކީ ވެސް ގާނޫނުން މަނާ ނުވާ ކޮންމެކަމެއް ކުރުމުގެ ހައްގު ލިބިގެންވާ ރައްޔިތެއްކަމަށެވެ. އަދި ސަރުކާރަށް އޮތީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމުގައިކަމަށް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރު އަބަދުވެސް ދެމި އޮންނާނީ އެގޮތުގައިކަމަށާއި، ހުރިހާ ރައްޔިތުންނަކީ ވެސް މާތްﷲ ދެއްވި ބުއްދީގެ ބޭނުން ހިފާ ބަޔަކަށް ވާންޖެހޭކަމަށެވެ.
ރަށުގެ ތަރައްގީއާއި ގުޅޭގޮތުން ރައީސް އެދިވަޑައިގަތީ ހުރިހާ ރައްޔިތުން ވެސް އެކުގައި ކުރިޔަށް ދިއުމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ރަށުގެ ތަރައްގީއަށްޓަކައި ކުރާ ކޮންމެ ކަމަކީ އެ ރަށަކުން ގެންދެވޭނެ އެއްޗެއް ނޫންކަމަށާއި ސިޔާސީ ކޮންމެ ފިކުރެއްގެ މީހެއްކަމުގައި ވިޔަސް އެކަމުގެ ފައިދާ އޮތީ ރަށުގެ ރައްޔިތުންނަށް ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއްކަމަށާއި، ސަރުކާރުން ދޭ އެއްވެސް ހިދުމަތެއްގައި ތަފާތު ކުރުމެއް ނޯންނާނެކަމަށެވެ. އަދި ތަފާތު ހިޔާލުތަކަށް އަބަދުވެސް ޖާގަ އޮންނާނެކަމަށް ފާހަގަކުރައްވައި ވަނީ، އެފަދަ ކަންކަން އަހުލާގާއި ވަކި ހުދޫދެއްގެ ތެރޭގައި ބެހެއްޓެވުމަށް އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ގާނޫނުއަސާސީގެ ދަށުން ކޮންމެ ރައްޔިތަކަށްމެ ލިބިދޭ ހައްގެއް އޭގެ އެންމެ ފުރިހަމަ މިނުގައި ލިބިދީފައި އޮތުން ސަރުކާރުން މިއަދާއި ހަމައަށް ތަންފީޒު ކުރައްވާފައި ވާނެކަމަށެވެ. އަދި ސަރުކާރުން ބަދަލު ހިފުމުގެ އެއްވެސް ރޫހެއް ގެންގުޅެފައި ނުވާނެކަމަށާއި ގައުމަށް ބޭނުން ވަނީ ހަމަޖެހުމާއި އަމާންކަންކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން ވެސް އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ތަކުރާރުކޮށް ރައީސް ވިދާޅުވީ ސިޔާސީ ގޮތުން އަނިޔާވެރިވި މަންޒަރު ސަރުކާރުގެ ތެރޭގައި މިދިޔަ އެއް އަހަރުގެ ތެރޭގައި ފެނިފައި ނުވާނެކަމަށާއި ކުރިޔަށް އޮތް ތަނުގައި ވެސް އެކަން އެގޮތުގައި ދަމަހައްޓާނެކަމަށެވެ. އަދި ސިޔާސީ ނިޔަތެއްގައި ބަޔަކު ބަންދުކޮށް، ބަދަލު ހިފުމުގެ އެއްވެސް ރޫހެއް ނުގެންގުޅުއްވާނެކަމަށް ވިދާޅުވި އެވެ.

