ހއ. ތަކަންދޫ ފުލުހުންގެ މަަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވައިފި އެވެ.
މި ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވަނީ، ރައީސް މުއިއްޒު ދައުލަތުގެ ބައެއް ވަޒީރުންނާއި އެކު ހއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ތަކަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފަހު، ރަށުގެ ތަރައްގީއާއި ގުޅުން ހުރި މުހިންމު މަޝްވަރާތައް ރައީސް މުއިއްޒު ކުރިޔަށް ގެންދެވި އެވެ. އަދި ރަށުގެ ފުލުހުންގެ މަރުކަޒު ހުޅުވައިދެއްވުމުގެ އިތުރަށް، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ކުރިޔަށް ގެންގޮސްފައި ވެއެވެ.
ރައީސް މުއިއްޒާއި އެކު ރަށުގެ ފުލުހުންގެ މަރުކަޒު ހުޅުވައިދެއްވާފައި ވަނީ ހޯމް މިނިސްޓަރ އަލީ އިހުސާނާއިކ، ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ޒުހުރީ އެވެ. އަދި ފުލުހުންގެ ކޮމިޝަންޑު ބައެއް އޮފިސަރުންނާއި އެކު ފުލުސް އޮފިސަރުން އަދި ރަށުގެ ކައުންސިލް ވެސް ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް ފުލުހުންގެ ހިދުމަތް ފުޅާ ކުރެއްވުމަށް ރައީސް މުއިއްޒ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއުތަކެކެވެ. ސަރުކާރުން ދަނީ ރާއްޖޭގެ ކޮންމެ ރަށަކީ ވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރުމުންނެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 23 ފުލުހުންގެ ޕޯސްޓުތައް ހުޅުވައި، ހިދުމަތް ދޭން ފަށާފައިވެއެވެ.
ރައީސް މުއިއްޒު އިއުލާނު ކުރެއްވި ގޮތުގައި އެމަނިކުފާނުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިޔަށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ފެށުމެވެ.
މީގެއިތުރުން ސަރުކާރުން ވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ފުލުހުންގެ ހަރަކާތްތައް އިތުރުކޮށް، މާލެ ސަރަހައްދުގެ އަމާންކަން ކަށަވަރު ކުރުމަށް އަންގަވާފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުން ކަމަށެވެ.

