ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ ސަރުކާރުން ހުރީ އެއް ބަޔަކަށް އެކި ރަށްތަކުގައި ގިނަ މަސައްކަތްތަކެއް ހަވާލުކޮށްފައި، ކުރިއަކަށް ނުދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ސަރުކާރުން އެކި ރަށްތަކުގައި ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް އެއް ކުންފުންޏަކާއި ހަވާލުކޮށްފައިވާކަމަށާއި އެކަންކަން ހުއްޓިފައިވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.

މާރަންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވެވެޑައިގެންނެވި ވައުދުފުޅުތައް ވަރަށް ރަނގަޅަށް ހަނދާންހުރިކަމަށެވެ. އަދި ސަރުކާރު ދެމިއޮތީ އެކަންކަން ހާސިލުކޮށްދިނުމުގައި ވަރަށް ސީރިއަސްކަންމަތީގައިކަމަށާއި ވިސްނުންފުޅު ހުރީ މި އަހަރުގެ ތެރޭގައި އެކަންކަމުގައި އަމަލީ ސިފަ ޖެއްސެވުންކަން ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ ނިމިދިޔަ އަހަރުގެ ތެރޭގައި ނުކުރެވިދިޔަ ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުންކަމަށާއި ނިމިދިޔަ އަހަރުގެ ތެރޭގައި ކަންކަން ނުވެ ދިޔަ ސަބަބު ރައްޔިތުންނަށް ސާފުވެވަޑައިގަންނަވާނެކަމަށް ގަބޫލުކުރައްވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެކި ކަންކަން ކުރިމަތިވިކަމަށާއި އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނުކަމަށެވެ.

ރައީސް ވިދާޅުވީ، މީގެ ކުރިން އެއްވެސް ވިސްނުންތެރިކަމެއް ނެތި ފަށާފައިވާ މަޝްރޫޢުތަކާއި ގިނަ މައްސަލަތަކެއް ހުރި މަސައްކަތްތަކެއްގެ ދަތިކަންވެސް ކުރިމަތިވެގެންދިޔަކަމަށެވެ. އަދި އެތެރޭގެ ދަރަނިތަކާއި ބޭރުގެ ދަރަނިތަކުގެ މައްސަލަތައް ހައްލުކުރުމުގެ އިތުރުން ބަޖެޓުގައި ހުރި މައްސަލަތަކުގެ ސަބަބުން ނިމިދިޔަ އަހަރުގެ ތެރޭގައި އެކި ކަންކަން ކުރުމުގައި ބޮޑެތި ޖޮންޖެހުންތައް ކުރިމަތިވެގެންދިޔަކަމަށެވެ.

ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެ، ގިނަ މަސައްކަތްތަކެއް ފެށިގެންގޮސްފިކަމަށާއި މާރަންދޫގައިވެސް އެ ކާމިޔާބާއި ހިސާބަށް ވާސިލުވެވިފައިވާކަމަށެވެ. މީގެ ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތަކަށް އަލިއަޅުއްވައި ރައީސް ވިދާޅުވީ، ބަނދަރުގެ މަޝްރޫޢު ހިމެނޭއިރު ނިމިދިޔަ އަހަރުގެ ބަޖެޓުގައިވެސް އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތަށް ފައިސާ ހިމަނާފައިނުވާކަމަށެވެ. އަދި ހިމަނާފައި ހުރީ ކުދިކުދި އަދަދުތައްކަމަށާއި ނިމިދިޔަ ސަރުކާރުން ފާސްކޮށްފައި ދިން ބަޖެޓުން އެކަންކަން ކުރެވޭނެ ގޮތެއް ނެތްކަމަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެކަންކަންވެސް ކުރިއަށް ގެންދެވޭނެ ގޮތަށް ޖާގަ ހަދާފައިވާކަމަށާއި ބަނދަރުގެ މަޝްރޫޢު ނިންމަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ރައީސް ވިދާޅުވީ، އެކަން ކުރިއަށް ގެންދިއުމަށްޓަކައި ތައްޔާރީ މަސައްކަތްތައް ކުރެވެމުންދާކަމަށާއި ރަނގަޅު ފުރިހަމަ ހައްލެއް މި ސަރުކާރުން ހޯދައިދޭނެކަމަށެވެ.

ރަށުގެ ތަރައްގީއަށާއި ކުރިއެރުމަށް ބޭނުންވާ އެެހެނިހެން މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މާރަންދޫގެ ސުކޫލުގެ މަސައްކަތްތައް ނިމިދިޔަ ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުންޏާއި އެހެނިހެން ރަށްތަކުގައިވެސް ގިނަ އަދަދެއްގެ މަސައްކަތްތައް ހަވާލުކޮށްފައި ހުރިކަމަށެވެ. އެހެންކަމުން އެކަންކަން ނުވެ ހުއްޓިފައިވާކަމަށާއި މިހާރު ސަރުކާރުންވަނީ އެކަންކަން ކުރިއަށް ގެންދެވޭނެ މަގެއް ހޯދާފައިކަމަށްވުމުން އެކަންކަން ކުރިއަށް ގެންދާނެކަމަށާއި ހަވާލުކޮށްފައިވާ ފަރާތުން އެކަންކަން ކުރިއަށް ނުގެންދާނަމަ އެއްބަސްވުން ބާތިލުކުރާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: