ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

21 ވަނަ ގަރުނު: ރައްޔިތުން އަދިވެސް އެދެނީ އަސާސީ ހިދުމަތްތަކަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށް އޮންނައިރު އޭގެން ކޮންމެ ރަށަކީވެސް ތަފާތު މަަސައްކަތްތަކެއް ކުރާ މަސައްކަތްތެރި ބަޔަކު ދިރިއުޅޭ ރަށްރަށެވެ. އެމީހެއްގެ އަމިއްލަ ވަޒަން ދޫކޮށް އެހެންތަނަކަށް ދާން ބޭނުންނުވާ އެތައް ބަޔަކު އެރަށްތަކުގައި ދިރިއުޅެއެވެ. ތަރައްގީއަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް މުހިންމު އެއްޗަކަށް ވާއިރު ޜާއްޖޭގެ ރަށްތައް އެތުރިފައިވާ ގޮތުން އެއީ ފޯރު ކޮށްދިނުމަށް ފަސޭހަ ކަމެއް ނޫނެވެ. ދައުލަތަށް ވަންނަ އާމްދަނީއަށް ބަލާނަމަވެސް ހުރިހާ ރަށަކަށް ތަރައްގީ އެއްފަހަރާ ގެނައުމުގެ ކުޅަދާނަކަމެއް ވެސް ދައުލަތުގެ މާލިއްޔާގައި ނެތެވެ. ކޮންމެ ރަށަކަށްވެސް ބޭނުންވަނީ އެއް ކަންތައްތަކެއް ނޫނެވެ. ތަރައްގީ ގެންނަނީވެސް ދިރިއުޅޭ މީހުންގެ ނިސްބަތަށް ބަލައި ރަށުގެ ބޮޑު ކުޑަމިނަށް ބަލާފައެވެ.

ރާއްޖޭގައި އިހު ޒާމާނުއްސުރެވެސް މީހުންނަކީ މަސައްކަތެރި ބަޔެކެއެވެ. އެބަޔަކު ކުރާ ބުރަ މަސައްކައްތުން އެދުވަހެއްގެ ކެއުމުގެ ކަންތައް ހަމަޖައްސާލައި ސާދާ ދިރިއުޅުމެއް އުޅެމުން އައި ބަޔަކެވެ. އެހެންނަމަވެސް އެ ޒަމާން ދޫކޮށް 21 ވަނަ ގަރުނުގައި ދަތުރު ފަށާފައިވާއިރު، މިއީ ވަރަށްވެސް ގަދަ ކަނޑެކެވެ. ރައްޔިތެއް، ވެރިއެއް މީހެއް އަދި ގަމީހެއްވެސް ވަކި ނުވާހިސާބަށް މިއަދު ރާއްޖޭގެ ކަންކަން އައިސްފިއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަދިވެސް ހުރީ މީގެ އެތައް އަހަރެއް ފަހަތުގައެވެ. ކުރެވުނު މާބޮޑުކަމެއް މިއަދު ހަމަ ނެތީއެވެ.

މިހުރިހާ ވާހަކައެއްވެސް ދޫކޮށް އަސްލު ވާހަކައަށް ޖެހިލާނަމެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުރި ގޮތާއި، އެމީހުން މިހާރުވެސް ދިރިއުޅެމުން އަންނަ ގޮތް ކޮންމެވެސް ވަރަކަށް ލިޔެލަން މަސައްކަތް ކުރާނަމެވެ. އަސާސީ އެތައް ހިދުމަތަކުން މަހުރޫމުވެފައިވާ ބަޔަކު ދިރިއުޅެމުން އަންނަ މިގައުމުގައި މިއަދު ރައްޔިތުންގެ ހާލަކީ ބަޔަކު ބަލަން ބޭނުންނުވާ، ނުވަތަ ފެނުނަސް މޫނު އަނެއް ފަރާތައް އަނބުރާލާ މީހުންތަކެއް އުޅެމުން އަންނަ ތަނެކެވެ. ކޮންމެ ރަށެއްގައި ހެލްތު ސެންޓަރެއް، ކޮންމެ ރަށެއްގައި ހޮސްޕިޓަލެއް އަޅައި އަސާސީ ބޭސް ފަރުވާ ކަށަވަރު ކުރާނެ ކަމަށް ބުނަމުން އަންނަތާވެސް އެތައް އަހަރެއް ވެއްޖެއެވެ.

އެހެން ނަމަވެސް އެންމެ ކުޑަމިނުން ހުމަށް ދޭނެ ބޭސް ގުޅައެއްގެ މިންވަރުވެސް އޭގެން ރަށެއްގައި ނެތީއެވެ. ދެން އޮތީ ފެނާއި ކަރަންޓުގެ ވާޙަކައެވެ. ފެނުގެ ހިދުމަތް އަދިވެސް ރަށްފުށުގެ މީހުން ހޯދަމުން އަންނަނީ ގިފިލީގެ ވަޅުންނާއި، ވާރޭ ވެހިއްޖެނަމަ ފެންތާންގިންނެވެ. އަދިވެސް ކުނި އުކަނީ ރަށުގެ ފުއްޓާރުފަރާތަށެވެ. ކިޔެވުމުގެ ފެންވަރަކީ، ބޭނުންވާވަރަށް ކުދިން ތިބެއްޖެނަމަ ގްރޭޑްތަކުގައި ކިޔަވައި ދިނުމެވެ. ނެތްނަމަ އެ އަހަރަކު އެރަށެއްގައި ވަކި ގްރޭޑެއް ނެތުމެވެ. އަތޮޅުގެ ރަށެއްގައިވެސް ކިޔެވޭނެ ފެންވަރު ނެތީއެވެ.

މި ނޫނަސް އެތައް ކަމެއް ރަށްރަށުގެ ރައްޔިތުން އަންނަނީ ތަހައްމަލު ކުރަމުންނެވެ. ކަމެއް ދިމާވާ އިރަށް ފޮށި ތައްމަތި ބަނދެގެން މާލެ އަންނަން ޖެހޭ ސަބަބަކީވެސް އެއީއެވެ. މާލެއަކީ މިއަދު ކިތަންމެ ގިނަ ބަޔަކު އުޅެ ތަނަކަށް ވިޔަސް، ބަޔަކު މާ ގަޔާވާތަނެއް ނޫނެވެ. ބައެއް މީހުން މިތަނުގައި އުޅެން ތިބީ މަޖުބޫރުވެފައެވެ. ވަޒީފާއެއް އޮތަސް އަދި އެހެންވެސް އަސާސީ ހިދުމަތެއް ނަމަވެސް ލިބެން ހުރީ މާލެއިންނެވެ. ނަމެއްގައި ސިޓީތަކެއް ހަދާފައި ބޮޑެތި ރަށްތަކެއް ހުރި ކަމުގައި ވިޔަސް އެރަށްތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ހުރީ ވަރަށް ފަހަތުގައެވެ.

މާލެއަށް ބަލާނަމަވެސް، ހިތްހަމަ ޖައްސާލާނެ ޕާކެއް ނެތެވެ. ހާވީރަށް ހިނގާލާނެ މަގެއް ނެތެވެ. ބޭރަށް ތަނަކަށް ދާން ނިކުތައް ޓެކްސީއެއް ނުލިބެއެވެ. ރައްޔިތުން ތިބީ ގޭބަންދުވެފައެވެ. މި ހަލަބޮލި މާހައުލުން ނިކުންނަން ބޭނުންވިސް ފައިސާވެސް ނެތީއެވެ. ތަކެތީގެ އަގު ރަނުގައި، އަދި ހޯދަންޖެހޭ ހިދުމަތްތަކުގެ އަގު ހުރީ އަތްނުފޯރާ ފަށުގައެވެ. ރައްޔިތުން މިއަދު މާލެ އަންނަން ބޭނުން ނުވިޔަސް، އެމީހުންނަށް އެނޫން މަގެއް ނެތީއެވެ.

ބައިވަރު ހަރަދުތަކެއް ކޮށްގެން އެއްވެސް މީހަކު މިތަނަކަށް އަންނާކަށް ބޭނުމެއް ނުވެއެވެ. ވެރިންނަށް މިއަދު ރައްޔިތުން އުޅޭ ހާލު އަންދާޒާކޮށްލަން ވެސް ނޭންގޭނެއެވެ. ރައްޔިތުންނަށް ވާ ދޮގު ވައުދުތައް އަޑު އެހުން ނޫން އެހެން ގޮތެއްވެސް ނެތީއެވެ. ރައްޔިތުންނަކީ އެމީހުންގެ އަޅުންނަށް ހަދައިގެން، ރައްޔިތުންގެ ޓެކްސްފައިސާއިން ވައްކަން ކުރާތާ އެއްތައް ޒަމާނެއް ވީއެވެ. ބޮޑު އަޢުލަބިއްޔަތަކުން ރައްޔިތުން މިއަދު އެމީހުން ހޮވިޔަސް ހެޔޮކަމެއްގެ ބަދަލުގައި އޮތީ ތެޔޮ ހަމެކެވެ. ރައްޔިތުން ބޭނުންވަނީ އެމީހުންގެ މުހުތާދުތައް ފުއްދައިދޭނެ، އިހްލާސްތެރި ވެރިއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: