ނޫސްވެރިކަމުގެ މަސައްކަތްތަކާއި ގުޅުވައި ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އަންހެން ނޫސްވެރިންނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ޖާރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
އެމްޖޭއޭއިން އާންމުކޮށްފައިވާ ބަޔާނެއްގައި އެ ޖަމިއްޔާއިން ވަނީ މިފަހުން ސޯޝަލްމީޑީއާ މެދުވެރިކޮށް އަންހެނުން ނޫސްވެރިންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ އަމަލުތައް ފެންމަތިވަމުން އަންނާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޖޭއޭއިން ބުނެފައިވާގޮތުން މިފަހުން އެފަދަ ހަތަރު މައްސަލައެއް އެ ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވެއެވެ.
އެގޮތުން ސަންގުޓީވީގެ ނޫސްވެރިޔާ ފާތިމަތު މަދަދާގެ ފޮޓޯއެއް ބޭނުންކޮށް ކާކުކަން ނޭނގޭ އެކައުންޓަކުން، ފުރައްސާރަ ކުރަމުންދާކަން ފާހަގަކުރި އެވެ. އަދި އެ އަމަލު ބަޔަކު ހިންގަމުން ދަނީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އިވެންޓުތައް ކަވަރު ކުރަމުންދާތީކަމަށް ވެއެވެ. އެމްޖޭއޭގެ ބަޔާނުގައި ވަނީ އެ ޕޯސްޓަށް ކޮމެންޓު ކުރަމުން ދިޔަ ގިނަ މީހުން ވެސް ފުރައްސާރައިގައި ބައިވެރިވެ، އެކަން ތަކުރާރު ކުރަމުންދިޔަ ކަމަށެވެ.
މީގެއިތުރުން މިފަހުން ފެންމަތިވި އިތުރު މައްސަލަތައް ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ، އެ ނޫސްވެރިންނަށް ކުރަމުންދާ ފުރައްސާރައާއި ދެކޮޅަށް އަޑުއުފުލާފަ އެވެ. އެގޮތުން ރިވާޔާ ނޫހުގެ އެޑިޓަރު އާއިދާ އަބްދުލް ހަކީމް މަޝްރޫއުއަކާއި ގުޅުވައި ކުރި ސުވާލެއްގެ ސަބަބުން ވިޔަފާރިވެރިއަކު އޭނާއަށް ދެމުން ދިޔަ ރައްދުގައި ފުރައްސާރަ ކުރުން ހިމެނެއެވެ.
އެ މައްސަލައިގެ އިތުރުން އަސްލުޓީވީގެ ނޫސްވެރިޔާ ޝާމާ ޝުއައިބު ފުލުހުންގެ އޮޕަރޭޝަނެއްގެ ފޮޓޯއެއް ނެގުމުން ޑީލީޓުކުރަން މަޖުބޫރުކުރި މައްސަލައާއި ސަންގުޓީވީގެ ނޫސްވެރިޔާ ލައިޝާ އަހުމަދު ޒަކީއަށް ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފުރައްސާރަކޮށް އިންޒާރުދިން މައްސަލަ އަދި މިހާރު ނޫހުގެ ނޫސްވެރިޔާ އާސިމާ ނިޒާރަށް ސޯޝަލްމީޑިއާގައި ފުރައްސާރަކޮށް ބިރުދެއްކި މައްސަލަ ފާހަގަކުރެވޭކަމަށް އެމްޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ޖަމިއްޔާއިންވަނީ އަންހެން ނޫސްވެރިންނަށް ފުރައްސާރަކޮށް ބިރުދެއްކުން ފަދަ ހުރިހާ އަމަލެއް ކުށްވެރިކޮށްފައެވެ. އަދި މިފަދަ އަމަލުތައް ގިނަވަމުންދިއުމާއިއެކު ކަންބޮޑުވާކަމަށާއި ނޫސްވެރިން ކުރާ މަސައްކަތްތަކާއި ގުޅިގެން ޒާތީގޮތުން ދިމާކޮށް ޖައްސާލުމަކީ އެއްވެސް ހާލަތެއްގައި ގަބޫލުކުރާކަމެއް ނޫންކަމަށް ބަޔާނުގައި ވެއެވެ. އަދި މިފަދަ އަމަލުތަކުގެ ސަބަބުން ނޫސްވެރިކަމުގެ ދާއިރާއަށް އަންހެނުން ނުކުންނަން ފަސްޖެހޭނެކަމަށާއި މިއީ ދާއިރާގައި ހަރަކާތްތެރިވާ އެހެން ނޫސްވެރިންނަށް ވެސް އެޅޭ ހުރަހެއްކަމަށް ވަނީ ބުނެފައެވެ.
މިފަދަ އަމަލުތައް އެއްވެސް ފަރާތަކުން ނުހިންގުމަށް އެމްޖޭއޭއިން އެދިފައިވާއިރު އެ ޖަމިއްޔާއިން ވަނީ ފެންމަތިވާ މައްސަލަތައް ސީރިއަސްކަމާއިއެކު ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ފުލުހުންގެ މުއައްސަސާއަށްވެސް ގޮވާލާފައެވެ.

