ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމަށް ވަރަށް ސަމާލުކަން ދެއްވާކަމަށާއި އެކަންތައްތަކަކީ ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖެއްސުމަށްޓަކައި ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތްތަކެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި އަހަރުގެ ތެރޭގައި އިންތިޚާބީ ވަޢުދުތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ޢަމަލީ ސިފަ ގެންނަވާނެ ކަމަށާއި، މިއަހަރަކީ ގިނަ މަސައްކަތްތަކެއް ޢަމަލީގޮތުން ކުރިއަށް ގެންދެވޭނެ އަހަރެއްކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ. ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށާއި، އެއީ ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް ކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ވަޢުދުތައް ވެވަޑައިގެންނެވީވެސް އެކަން ޤަބޫލުފުޅުކުރައްވައިގެން ކަމަށާއި، ސަރުކާރުގެ މަސައްކަތްތައް ރޭވިފައިވަނީ އެންމެ އަނީ އެންމެ އަވަސް ދުވެއްޔެއްގައި ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަމަށެވެ. ހޯރަފުށީގެ މަސައްކަތްތައްވެސް ރޭވިފައިވާ އިންތިޒާމުތަކެއްގެ ދަށުން ކުރިއަށްދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެންމެ މުހިންމު އެއް ވަޢުދުކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި މި އަހަރުގެ ބަޖެޓުން ކަނޑައެޅިފައިވާ 1.5 ބިލިއަން ރުފިޔާ މެދުވެރިކޮށް ރާއްޖޭގެ އެކި ރަށްތަކުގައި ހައުސިންގ ޔުނިޓުތައް އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދުމަށް އިޢުލާންކުރެވިފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި އާބާދީ ބޮޑުވެފައިވާ ހުރިހާ ރަށެއްގައިވެސް ޙައްލުކުރަންޖެހިފައިވާ އެންމެ މުހިންމު މައްސަލަކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި މަސް ނިމުމުގެ ކުރިން އެ މަޝްރޫޢުތައް ހިންގުމަށް އިޢުލާން ކުރާނެ ވާހަކަ މީގެ ކުރިން ހާމަކުރައްވާފައިވާނެ ކަމަށާއި، މިހާރު އެކަން އިޢުލާންކުރެވިފައިވާއިރު ހޯރަފުށީގައިވެސް އެ މަސައްކަތްތަކުގެ ތެރެއިން 200 ހައުސިންގ ޔުނިޓު އެޅުމަށް ކަނޑައެޅިފައިވާ ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހޮސްޕިޓަލުގެ މަސައްކަތްތައް މަޑުޖެހިފައި ނުވަތަ ކުރިއަށް ނުގޮސް އޮތުން ނިމުމަކަށް ގެނެސް ކުރިއަށް ގެންދެވުމަށްވެސް ވަޢުދުވެވަޑައިގެންނެވި ކަމަށާއި، ހަމައެފަދައިން ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކުރެއްވުމަށްވެސް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށެވެ. އަދި ހޯރަފުށީގައި އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

