ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މި އަޑުއެހުމުގައި އޮތީ ދައުލަތުން ދައުވާ އިއްވުމާއި، ދައުވާއަށް ޖަވާބުދާރީވުމެވެ. އެގޮތުން މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައިވެސް ދިފާއުން ވަކީލެއްގެ ފުރުސަތު ބޭނުންވާކަމަށް ބުނެފައިވާތީ ގާޒީ ވަނީ އެ ފުރުސަތު ދެއްވައި، ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެކަން ފާހަގަ ކުރައްވާފައެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ދައުލަތުން ވަނީ ދައުވާތައް އިއްވާފައެވެ. އެގޮތުން މި މައްސަލައިގައި ކުރިން ތަޙުޤީޤު ކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އޭގެ ފަހުން އައު ދައުވާތަކެއް އަނެއްކާވެސް ކޯޓަށް ހުށަހެޅިއެވެ.
ޕީޖީން ހުށަހެޅި އައު ދައުވާތަކުގެ ތެރޭގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ ހިމެނެއެވެ. އެ ދައުވާ އުފުލާފައިވަނީ ބައްސާމު އަމީން ކޮންސްޓްރަކްޝަންގެ އަމީން އެވެނިއުއިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީއެވެ.
މި ކުށުގެ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
އޭނާގެ މައްޗަށް ދެން ހުށަހަޅާފައިވަނީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ އެ އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަންއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
މި ކުށުގެ އަދަބަކީ 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ދިފާއީ ވަކީލު ވިދާޅުވީ، ބައްސާމްއަށް ކުރާ ދައުވާތަކަށް އޭނާ ޖުމުލަކޮށް އިންކާރު ކުރާ ކަމަށާއި، އެ ދައުވާތަކުގައި ހިމަނާފައިވާ ކަންކަމަކީ ބައްސާމް ކޮށްފަައިވާ ކަމެއް ނޫން ކަމަށެވެ.
ދިފާއުން ދައުވާތަކަށް ޖަވާބުދާރީވުމުން ގާޒީ ވަނީ ދެފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދެއްވާފައެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
މި ދަޢުވާތަކާ ގުޅިގެން މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އެގޮތުން މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަUSD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށް އެދިފައިވެއެވެ.
މީގެ އިތުރުން، ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓްA1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވެއެވެ.
މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުންދާ މައްސަލައެއް ކަމަށާއި ތަޙުޤީޤަށް ކުރިއެރުން ލިބޭ ވަރަކުން، ހެކި ޤަރީނާ ވަޒަންކޮށް، މައްސަލާގައި އިތުރު ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.

