މިހާރު މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ބޮޑަށް އިސްކަން ދޭނީ ފަށާފައިވާ މަޝްރޫއުތައް ނިންމަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. މޮޅަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައީސް ވިދާޅުވީ ފެނާއި، ކަރަންޓާއި ނަރުދަމާ ފަދަ އަސާސީ ހިދުމަތްތަކާއި ގުޅުން ހުރި މަސައްކަތްތައް ނިންމުން މުހިންމު ކަމަށެވެ. ރައީސް ވިދާޅުވީ ހުރިހާ ރަށަކަށް ވެސް ބޭނުން ވަނީ އެއް ކަންތައް ތަކެއް ކަމަށާއި އެ ރަށެއްގައި ކިތަންމެ އާބާދީ ކުޑަ ނަމަވެސް، ތަފާތު ނުކުރާނެ ކަމަށެވެ.
ތައުލީމީ ދާއިރާއަށް ބޭނުންވާ އިންގިލާބީ ބަދަލުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮންމެ ކުއްޖަކުވެސް އެންމެ މޮޅަށް ކިޔަވައިގެން ނިކުތުމަށް އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ސަރުކާރުގެ ފަރާތުން އެންމެ ރަނގަޅު ހިދުމަތްދީ، އަދި ތައުލީމީ ދާއިރާއިން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ އެމަނިކުފާނުގެ ސިޔާސަތު ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓުގެ ތެރެއިން އެންމެ އިސްކަމެއް ދޭ ކަންކަމުގެ ތެރޭގައި ބޯހިޔާވަހިކަމާއި، ތައުލީމާއި ސިއްހީ ދާއިރާ ހައްލު ކުރުން ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކާއި ކަސްރަތު ކުރެވޭނެ ގޮތްތައް ހަމަޖައްސައި ދިނުމަކީވެސް ސަރުކާރުން އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެހެންކަމުން ކަމުން ކަމާގުޅުންހުރި ވުޒާރާއިން މުޅި ރާއްޖޭގައި ކުޅިވަރުގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

