2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލައިގެ ޚުލާސާ ބަޔާން އިއްވައިފިއެވެ.
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ، ގއ. މާމެންދޫ ރިހިފަރުދާގެ، އަހްމަދު ޝަމީމާއި، އެރަށު ބިލަތްމާގެ، ޝަރަފް ރަޝީދު އަދި ގުލްފާމުގެ، މުހައްމަދު މާޒިންގެ މައްޗަށެވެ. އަދި އުމުރުން 18 އަހަރު ނުވާ ކުއްޖެއްގެ މައްޗަށްވެސް ދައުވާ އުފުލިއެވެ.
މި މައްސަަލައާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތުގެ މަރުޙަލާގައިވެސް އަދި ތަހުގީގީ މަރުޙަލާގައިވެސް ހެކި ލިބިފައިވަނީ ޙާދިސާ ހިނގި އިރު އެކި ވަގުތުތަކުގައި ހިނގި އެކި ކަންކަމާ ގުޅިގެން ކަމަށާއި، ނަމަވެސް ހެކިންގެ ހެކިބަސް އެއްގޮތްވާ ކަމަށެވެ.
މި މައްސަލައިގައި ޙާދިސާ ހިނގި ދުވަހު ދެ މާރާމާރީއެއް ހިނގާފައިވާއިރު، ދައުލަތުގެ ހެކިންގެ ތެރޭގައި އެ ދެ ޙާދިސާއާ ގުޅޭ ހެކިންވެސް ހިމެނެއެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، މިއީ ގިނަ ބަޔަކު އަމަލީ ގޮތުން ބައިވެރިވެގެން ހިންގި މާރާމާރީއެއް ކަމަށާއި، އެހެންކަމުން މީހަކު މެރުމުގައި އަމަލީ ގޮތުން ބައިވެރިވާ މީހުން ކުށްވެރިވާނެކަމަށް ބަޔާންކުރާ އުސޫލު މި މައްސަލައަށް ފެތޭނެކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ މީގެ ކުރިން ވަނީ އަމަލީ ގޮތުން ބައިވެރިވުމާ ގުޅޭގޮތުންނާއި މިފަދަ ޙާލަތްތަކުގައި ޤާނޫނަށް ގެނެސްފައިވާ އިސްލާޙު ގެނައުމުގައި މަޖިލީހުން ވިސްނާފައިވާ ވިސްނުން އިތުރަށް ދިރާސާ ކުރުމަށްފަހު ކިޔާދެއްވުމަށް ދަންނަވާފައެވެ.
އެހެންނަމަވެސް އޭގެ ޖަވާބުގައި ދައުލަތުން ވަނީ ހަމައެކަނި ސިޓީއެއް ފޮނުވައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ މައްޗަށް އަލިއަޅުވާލާފައެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ ވަނީ އެކަމުގައި ދައުލަތުން އަމަލުކޮށްފައިވަނީ ފަރުވާކުޑަކޮށްކަމަށް ފާހަގަކުރައްވާފައެވެ.
ސަބަބަކީ އޭރު ދައުލަތުން ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 87 ވަނަ މާއްދާގެ ދަށުން ހުށަހެޅުމެއް ހުށަހަޅަން ބޭނުންވާ ވާހަކައެވެ.
އެ މާއްދާއަކީ މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވާ ކުށުގެ ޝަރީޢަތުގައި ހާމަވާ ހެކީގެ ސަބަބުން އޭނާ އެހެން ކުށެއްގެ ޢަމަލު ހިންގިކަން ސާބިތުވާ ޙާލަތުގައި، އޭނާގެ މައްޗަށް އެ ދެވަނަ ކުށުގެ ދަޢުވާ އުފުލިފައިނުވި ނަމަވެސް، އެ ކުށް ސާބިތުވާކަމަށް ކަނޑައެޅިދާނެކަމަށް ބަޔާންކުރާ މާއްދާއެވެ.
މި މައްސަލައިގައި ދެން އަޑުއެހުމެއް އޮންނާނީ މަހެއް ފަހުންނެވެ. އެ އަޑުއެހުމުގައި އޮންނާނީ މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
މި މައްސަލައިގައި ނަގާފައިވާ ހެކިބަސްތަކަށް ބަލާއިރު، އުދައްޔުގެ ހަށިގަނޑު ބަލައި ފާސް ކުރި އޮފިސަރު ވިދާޅުވީ އޭނާގެ ބުރަކަށީގައި ތިން އިންޗީގެ ބޮޑު ޒަހަމެއް ހުރި ކަމަށެވެ. އަދި އުދައްޔުގެ ކަރުގައި ވަކި އެޅިފައި ހުރިކަމަށާއި، އޭނާގެ މޫނާ ދެ އަތާއި ފައިތިލައިގައި ޒަހަމްތަކެއް ހުރިކަމަށް އޮފިސަރު ވަނީ ވިދާޅުވެފަ އެވެ.

