ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ، ޓޫރިޒަމް މިނިސްޓަރުގެ މަގާމު އަދާކުރެއްވީ ގާބިލިއްޔަތު ތަން ދިން އެންމެ އުސް ދަރަޖައިގައި ވަރުބަލިކަމެއް ނެތިކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.
މަގާމުން ވަކި ކުރިތާ ދެ ދުވަސް ފަހުން އާންމު ކުރި ބަޔާނެއްގައި ފައިސަލް ވިދާޅުވީ، 2023 ނޮވެމްބަރު 17 ގައި އުފެދުނު މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަން އަދާކުރުމަށް ލިބުނު ފުރުސަތާއި މެދު ފަހުރުވެރިވާކަމަށެވެ. އަދި މިދިޔަ އަންގާރަ ދުވަހު މަގާމުން ވަކި ކުރުމާއި ހަމައަށް ރާއްޖޭގެ ފަތުރުވެރިކަމާއި ގައުމަށް ހިދުމަތް ކުރުމަށް ދެއްވި ފުރުސަތަށް ރައީސް މުއިއްޒަށް ޝުކުރު އަދާކުރެއްވިއެވެ.
ފައިސަލް ވިދާޅުވީ ވޭތުވެ ދިޔަ ދުވަސްތަކުގައި އޭނާ މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތައް އަދާކުރީ އިހުލާސްތެރިކަމާއި ތެދުވެރިކަން އިސްކޮށްކަމަށެވެ. އެއީ ގާބިލިއްޔަތު ތަން ދިން އެންމެ އުސް ދަރަޖައިގައި ވަރުބަލިކަމެއް ނެތި ކުރި މަސައްކަތެއްކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ. ރައްޔިތުންނާއި ގާތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ހައްގުގައި މަސައްކަތް ކުރެއްވީ، ބަދަލުވަމުންދާ ދުނިޔޭގެ ފަތުރުވެރިކަމަށް ބަލައިގެންކަމަށް ފައިސަލް ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގައި ކުރެވުނު އެންމެ ކާމިޔާބު މަސައްކަތަކަށް ފައިސަލް ފާހަގަކުރެއްވީ ދިވެހި ސަރުކާރުން ކަނޑައެޅި 02 މިލިއަން ފަތުރުވެރިންގެ އަމާޒަށް 2024 ގައި ވާސިލުވެވުމެވެ. ފައިސަލް ވިދާޅުވީ އެ އަމާޒަށް މަސައްކަތް ކުރީ ދާއިރާގެ ތެރެއިން އައި ފާޑުކިއުންތަކުގެ އަޑުއަހައިގެންކަމަށެވެ. އެއާއި އެކު ރައްޔިތުންގެ ފަރާތުން ކިޔަމުން ދިޔަ ފާޑުކިއުންތަކަކީ ކުރިޔަށް ދިއުމަށް ލިބުނު ހިތްވަރެއްގެ ގޮތުގައި ފައިސަލް ސިފަ ކުރެއްވިއެވެ.
ދިވެހި ސަރުކާރުން މިދިޔަ އަހަރަށް ކަނޑައެޅި އަމާޒު، ދެ މިލިއަން ޓޫރިސްޓުންގެ ލަނޑުދަޑިއަށް ހާސިލުވެވުނެވެ. އެއީ ދިވެހިންގެ ހަޔާތުގައި ތާރީހީ އުފަލަކާއި ބޮޑު ކާމީޔާބީއެކެވެ. އެ އުފާ ދިވެހި ސަރުކާރާއި ރައްޔިތުންނަށް ހޯދައިދޭން އަޅުގަނޑަށް އުޅެވުނީ ޓޫރިޒަމް އިންޑަސްޓްރީގެ އަޑުއަހައިގެންނެވެ. ދިވެހި ރައްޔިތުންގެ ފަރާތުން އައި ފާޑުކިއުން ބަލައިގެންނެވެ. ރައްޔިތުން ކީ ފާޑަކީ ކުރިޔަށް ދާން އަޅުގަނޑަށް ލިބުނު ގަދަ ހިތްވަރަކަށްވިއެވެ.
ފަތުރުވެރިކަމަށް ސަރުކާރުން ދޭ ސަމާލުކަމަށް އިޝާރާތްކޮށް ފައިސަލް ވިދާޅުވީ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އަޅަން ޖެހޭ އެންމެ ބޮޑު ފިޔަވަޅަކީ އިތުރު އެނދުތައް ތަރައްގީ ކުރާނެ ފަނޑުތައް ހޯދައި ޒުވާނުންނަށް ދާއިރާގައި ފުރުސަތުތައް ހޯދައިދިނުން މަށެވެ. އަދި ކުޑަ އިންޓްރެސްޓު ރޭޓެއްގައި ލޯނު ދިނުމާއި ޓޫރިޒަމް ނެތް ދިމާތަކުގައި ލުއިތައް ހޯދައިދިނުން ފާހަގަކުރެއްވި އެވެ.
މިއާއި އެކު ލ. ހުޅިމެންދޫގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ޓޫރިޒަމް ޓްރެއިނިން ސްކޫލު ތަރައްގީކޮށް، ޒަމާންތަކެއް ވަން ދެން ނުހެދި ހުރި ރަށްތަކުގެ ވެރިންނާއި ވާހަކަ ދައްކައި އެތަންތަން މާކެޓަށް ނެރެވޭނެ ގޮތް ހޯދަން ޖެހޭކަމަށް ފައިސަލް ވިދާޅުވިއެވެ.
ފަތުރުވެރިކަން މާކެޓު ކުރުމަށް ދެން އަންނަން ޖެހޭ ބަދަލެއްކަމަށް ފައިސަލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބެޖެޓު 25 މިލިއަނާއި 50 މިލިއަންގެ އަދަދަކަށް ބޮޑު ކުރުމެވެ.
ބަޔާން ނިންމަވާލައްވަމުން ދާއިރާއިން ދެކެން ބޭނުންވާ ބަދަލެއްކަމަށް ފައިސަލް ވިދާޅުވީ މީގެ 15 އަހަރު ފަހުން ކޮންމެ އަތޮޅެއްގައި 6،000 އާއި 8،000 ދެމެދުގެ އެނދު އުފައްދައި ބައިނަލްއަޤުވާމީ އެއާޕޯޓުތަކާއި އެކު ޝެޑިއުލް ފްލައިޓުތައް އަޅަން ފަށައި ޓޫރިޒަމް ފުޅާ ކުރުމެވެ. އަދި ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒް މެރީނާ ހަދައި ކްރޫޒްލައިނާތަކަށް ޖާގަ ހޯދައިދިނުމާއި އެކު ޓޫރިޒަމް ސިންދަފާތުކޮށް މެޑިކަލް ޓޫރިޒަމާއި ސްޕޯޓްސް ޓޫރިޒަމް އަދި ހެރިޓޭޖް ޓޫރިޒަމަށް ޖާގަ ހޯދައިދިނުމެވެ.
ފައިސަލް ވަނީ ޓޫރިޒަމް ދާއިރާއާއި، އެ ދާއިރާގައި ހިމެނޭ އެމްއެމްޕީއާރުސީއާއި، މަޓާޓޯ، ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

