ސިނގިރޭޓު އުފެއްދުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ލިބުނު މައުލޫމާތުތަކަކާއި ގުޅިގެން ފުލުހުންގެ މުއައްސަސާއިން ހެންވޭރުގެ ގެއެއް ބަލާ ފާސްކޮށްފިއެވެ.
ދުންފަތް ކޮންޓްރޯލްކުރުމަށް ސަރުކާރުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، މާލޭގެ ހެންވޭރުގައި ހުރި ގެއެއްގައި ފުޅާ ދާއިރާއެއްގައި ސިނގިރޭޓު އުފައްދައި ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމުގެ މައުލޫމާތު ލިބުމާއިއެކު ފުލުހުންގެ މުއައްސަސާއިންވަނީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. މި އޮޕަރޭޝަންގައި ބަލާ ފާސްކޮށްފައިވަނީ ހ ހުޅުގަލީގެ ފުރަތަމަ ފަންގިފިލާގެ ބައެކެވެ. ފުލުހުންވަނީ އެތަނަށް ވަދެ ބަލާ ފާސްކުރުމަށްފަހު ބައެއް ތަކެތި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުންގެ މުއައްސަސާއިން މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ޕްރައިވެޓް ކުންފުންޏެއްގެ އޮފީހުގައި ސިނގިރޭޓު އުފައްދަމުންދާކަމަށް ލިބުނު މައުލޫމާތުތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ސަރަހައްދުގައި ތިބި ސަންގުޓީވީގެ ނޫސްވެރިންނަށްވަނީ ފުލުހުން އެ ސަރަހައްދުން ބައެއް މުދާ އަތުލައިގަނެގެން ގެންދިޔަކަން ކަށަވަރުކުރެވިފައެވެ. އެތަކެތި ގެންގޮސްފައިވަނީ އެ މުއައްސަސާގެ ޕިކަޕެއްގައެވެ.

