އެއްވެސް މީހަކަށް ނޭނގި އޮޅުވާލައިގެން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނިދާނެކަމަށް ގަބޫލު ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ފަޒީލް ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް އަހަރެއް ފުރުމާއި ދިމާކޮށް ޕީއެންސީ ކުރިޔަށް ގެންދިޔަ މެމްބާޝިޕް ޑްރައިވް ހަރަކާތުގައި މަސައްކަތްކޮށްފައި ވަނީ ޕާޓީއަށް 75،000 މެމްބަރުން ހަމަކުރުމަށެވެ. އެގޮތުން އަހަރުގެ ފަހުކޮޅު ކުރިޔަށް ގެންދިޔަ ހަރަކާތްތަކަށް ފަހު އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި ޕީއެންސީގެ މެމްބަރުންގެ އަދަދު 65،000 އަށް އަރައެވެ. އަދި އެ ޕާޓީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ.
މެމްބާޝިޕް ޑްރައިވް ހަރަކާތުގެ ތެރޭގައި އޮޅުވާލައިގެން ސައްހަ ނޫން ފޯމުތައް ހުށަހެޅިކަމުގެ ތުހުމަތުތައް ކުރެވޭއިރު، އެކަން ޕީއެންސީ ދޮގުކުރެއެވެ. އަދި އެއްވެސް ބަޔަކަށް ނޭނގި އޮޅުވާލައިގެން އެފަދަ މަސައްކަތްތަކެއް ނުކުރާކަމަށް ބުންޏެވެ.
ޕާޓީގެ މައްޗަށް ކުރެވޭ މި ތުހުމަތުތަކާއި ގުޅޭގޮތުން ސުވާލު ކުރުމުން ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ފަޒީލް ވިދާޅުވީ ރައީސް މުއިއްޒަށް ލިބިވަޑައިގްނަނަވާ ތާއީދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ސައްހަ ނޫން ފޯމުތަކުގެ ތުހުމަތަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމަށެވެ. ފަޒީލް ވިދާޅުވީ ޕީއެންސީ މެމްބާޝިޕް ޑްރައިވް ކުރިޔަށް ގެންދިޔައީ ވެސް ވަކި އަމާޒަކާއި އެކުކަމަށާއި މިހާތަނަށް ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކުން މުޅި ރާއްޖޭގައި އެފަދަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައި ނެތްކަމަށެވެ.
ފަޒީލް ވިދާޅުވީ މަދު ދުވަސްތަކެއްގެ މަސައްކަތުން ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކޮށް، 65،000 މެމްބަރުން ހަމަކުރުމަކީ ހައިރާންވާންޖެހޭ ވަރުގެކަމެއް ނޫންކަމަށެވެ. އަދި ވިދާޅުވީ އެއްވެސް މީހަކަށް ނޭނގި އޭނާ ސިޔާސީ ޕާޓީއަކަށް ވެއްދިދާނެކަމަށް ގަބޫލު ނުކުރާކަމަށެވެ. އޭގެ ސަބަބެއްކަމަށް ފަޒީލް ވިދާޅުވީ ސިޔާސީ ޕާޓީއަކަށް ވަނުމަށް އެދޭފޯމުގައި ފުރަން ޖެހޭ މައުލޫމާތުތައް ކުރިޔާއި ބަލައި ތަފްސީލުވުމެވެ.
އެއްވެސް މީހަކަށް ނޭނގި ސިޔާސީ ޕާޓީއަކަށް ވެއްދޭނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން.. ހަގީގަތަކީ ރާއްޖޭގައި އޮތް މިވަގުތު އޮތް އެންމެ ބޮޑު ޕާޓީއަކީ ޕީއެންސީ.. ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް މަގުތަކަށް ނިކުމެ ހުރިހާ ރައްޔިތުންނާއި ވާހަކަދައްކައި ކުރި މަސައްކަތެއް މިއީ.. ވަރަށް ބޮޑު މެމްބާޝިޕް ޑްރައިވެއް ދިޔަ.. އެހެންވީމަ އެއްވެސް ޕާޓީއަކުން ކުރި މަސައްކަތެއް ނޫންއެއީ، އެވަރުގެ މަސައްކަތެއް ކުރާއިރު ގޯހެއް އޮވެދާނެ..
ފަޒީލް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއެއްގެ ރެޖިސްޓްރީއަށް މެމްބާޝިޕް ފޯމެއް ލިބުމާއި އެކު އެ މީހެއްގެ ފޯނަށް މެސެޖެއް ދާނެކަމަށެވެ. އެހެންކަމުން ނޭނގި ސިޔާސީ ޕާޓީއަށް ނުވެއްދޭނެކަމަށް ފަޒީލް ވިދާޅުވިއެވެ.

