ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމްގެ ޤާތިލު އަދުހަމްގެ މަރުގެ ޙުކުމް ކަށަވަރުކުރުމުގެ އަޑުއެހުންތައް ފަށައިިފި

ގާސިމް ޙަސަންގެ މަރުގެ ކުށް ސާބިތުވި އަދުހަމް މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ޤާތިލު އަދުހަމް މުހައްމަދަށް އިއްވާފައިވާ މަރުގެ ޙުކުމުގެ ސައްޙަކަން ކަށަވަރު ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ހައި ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މިއީ އަދުހަމްގެ އަތުގައި އޮތް، ތިލައިގެ ގާތްގަނޑަކަށް 06 އިންޗި ހުރި ވަޅިއަކުން ޙަމަލާދީ، ގާސިމް މަރާލާފައިވާތީ އޭނާގެ މައްޗަށް އުފުލި ދައުވާއެކެވެ. އެ ދައުވާ ސާބިތުވެ، އޭނާ މަރަން ކްރިމިނަލް ކޯޓުން 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ވަނީ ޙުކުމްކޮށްފައެވެ.

މަރުގެ މައްސަލަތަކުގައި މީހަކު މެރުމަށް ކުރާ ޙުކުމް ނިހާއީ ޙުކުމެއްކަން ކަށަވަރު ކުރުމަށް މަތީ މަރުޙަލާ ކޯޓުތަކަށް ހުށައަޅަން ޖެހެއެވެ.
މި އަޑުއެހުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، މި އަޑުއެހުން ބޭކާރުވެ ދިޔަ ނުދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ހައިކޯޓުން ކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި އަހަރަކާ ގާތްވެފައިވާއިރު، އަދިވެސް އަދުހަމް ވަކީލަކު އައްޔަނުކޮށްފައި ނުވާ ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

މި މައްސަލައިގައި އަދުހަމް މީގެ ކުރިން އެދިފައިވަނީ އޭނާ އަމިއްލައަށް ވަކީލަކު އައްޔަނުކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް އަންގާރަ ދުވަހުގެ މި އަޑުއެހުމާ ޖެހުނުއިރުވެސް އޭނާ ހާޒިރުވީ ވަކީލަކާނުލައެވެ. އަދި މައްސަލައިގެ ލިއެކިއުންތައްވެސް ލިބިފައިނުވާކަމަށް އޭނާ މި އަޑުއެހުމުގައި ބުންޏެވެ.

ގާސިމް ޙަސަންގެ މަރުގެ ކުށް ސާބިތުވި އަދުހަމް މުޙައްމަދު

ނަމަވެސް އޭނާ ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހައި، ލިއެކިއުންތައް ލިބިފައިވާކަމަށް ބަޔާންކޮށްފައިވާ ލިއުންތައް ޝަރީއަތަށް ހުށަހެޅިފައިވެއެވެ.

ހައިކޯޓުގައި މައްސަލަ ތާވަލުކުރެވުނުކަން އެނގުނީ އޮންލައިންކޮށް ބެލުމުންކަމަށްވެސް އޭނާ ކިޔާދިނެވެ. އެ ދުވަހުން ފެށިގެންވެސް ވަކީލަކު އައްޔަނު ކުރަން މަސައްކަތް ކޮށްފައިނުވަނީ ކީއްވެތޯ ގާޒީން ވަނީ ތަކުރާރުކޮށް ސުވާލުކޮށްފައެވެ.

އެންމެ ފަހުން އަދުހަމް ވަނީ އޭނާ މި މައްސަލައިގައި މިހާރު ކުރިއަށްދާން ބޭނުންވަނީ ވަކީލަކާ ނުލައި ކަމަށް ވިދާޅުވެފައެވެ.

އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ މަރުގެއ ޙުކުމްކޮށްފައެވެ. އަދި މިހާރު ހައިކޯޓުގައި ކުރިއަށް މިދަނީ ނިހާއީ ޙުކުމެއް ކަށަވަރު ކުރުމުގެ މަރުޙަލާއެވެ. އެހެންކަމުން ފަނޑިޔާރުން އަނެއްކާވެސް ވަނީ ވަކީލަކު ބޭނުންވޭތޯ ސުވާލުކޮށްފައެވެ. އެ ސުވާލުގެ ޖަވާބުގައި އަދުހަމް ބުނީ، އޭނާ އިތުރަށް ވަކީލެއްގެ ފުރުސަތު ބޭނުން ނުވާ ކަމަށެވެ.

އެހެންކަމުން ދައުލަތުން ވަނީ ނިހާއީ ޙުކުމެއްކަން ކަށަވަރު ކޮށްދިނުމަށް ހުށަހަޅަންޖެހޭ ނުކުތާތައް ހުށަހަޅުއްވާފައެވެ.

ގާސިމްގެ ހުރިހާ ވާރިސުންވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާކަމަށް ބުނެފައެވެ. އެއީ ގާސިމްގެ 5 ދަރިންނެވެ.

އަދުހަމް ވަނީ ކުށަށް އިއުތިރާފްވުމަށްފަހު ފަހުން އިއުތިރާފް އަނބުރާ ގެންގޮސްފައެވެ. އަދި ފަހުން އެ ކުށަށް އިއުތިރާފްވެފައެވެ. ދަށު ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ވިދާޅުވީ ތަހުގީގުގައި އަދުހަމް އެކި ފަހަރުމަތިން ގާސިމް އަށް ހަމަލާދިން ގޮތާއިމެދު އެކި ގޮތަށް ވާހަކަ ދައްކާފައިވީނަމަވެސް، ވަޅި ހެރި ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށެވެ.

ގާޒީ ވަނީ ކާރުން ފެނުނު ޑީއެންއޭއާއި، ހަމަލާދިން ވަޅިން ފެނުނު ޑީއެންއޭ އަދުހަމްގެ ޑީއެންއޭއާއި ދިމާވާކަމަށް ވިދާޅުވެފައެވެ.

ދަށުކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު އަދުހަމް މައިގަނޑު ގޮތެއްގައި އިންކާރު ކުރި ކަމަކީ އޭނާ ގާސިމް މަރާލީ ގަސްތުގައިކަމަށް ބުނާ ވާޤިއާއަށެވެ. އެގޮތުން ގާސިމަށް ހަމަލާދެވުނީ މަސްތުގެ ހާލުގައި ހުރެ އޮޅުމަކުން ކަމަށާއި އަދި މަރާލުމުގެ ގަސްދެއް ނެތް އަދުހަމް ބުނެފައިވައިވީނަމަވެސް، މީހަކު މެރުމުގެ ނިޔަތް އޮތްކަން ދެނެގަންނަނީ ބޭނުންކުރި ހަތިޔާރާއި ހަމަލާ އަމާޒު ކުރެވުނު ގުނަވަނަށް ބަލައިގެން ކަމަށް ދަށު ކޯޓުގެ ގާޒީ ވިދާޅުވިއެވެ.

އަދި މިއީ މީހުން ދިރިނޫޅޭ ހިސާބެއްގައި ދިން ހަމަލާއަކަށްވެފައި، ހަމަލާއަށްފަހު އަދުހަމް، ގާސިމްއަށް އެހީތެރިވާން މަސައްކަތް ކުރިނަމަ އޭނާގެ ކިބައިގައި މެރުމުގެ ގަސްދު ނެތްކަމަށް ބެލެވިދާނެކަމަށް ގާޒީ ފާހަގަ ކުރައްވާފައިވެއެވެ. އެހެންނަމަވެސް ފިލައިގެން ދިއުމުގެ ސަބަބުން ގާސިމް މަރާލުމުގެ ގަސްތު އަދުހަމްގެ ކިބައިގައި އޮތްކަން ސާބިތުވާކަމަށް ގާޒީ ވަނީ ކަނޑައަޅާފައެވެ.

މި އަޑުއެހުމުގެ ވަގުތު ހަމަވެފައިވާތީ ޝަރީއަތުން ވަނީ ދައުލަތުގެ ބާކީ ހުރި ނުކުތާތައް ދެން އޮންނަ އަޑުއެހުމެއްގައި ހުށަހެޅުމަށް ދަންނަވާފައެވެ.

މީގެ އިތުރުން، މި މައްސަލައިގެ ލިއުންތައް ލިބިފައިވާކަމާމެދު މިހާރު އަދުހަމް ސުވާލު އުފައްދާއިރު، އެއީ ބޮޑު ތުހުމަތެއް ކަމަށާއި، އެހެންކަމުން އެކަން އިތުރަށް ބެލުމަށްފަހު ދެން އޮންނަ އަޑުއެހުމެއްގައި ކަން ހިނގާ ދިޔަ ގޮތެއް ސާފުކޮށްދޭންޖެހޭނެކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

ފަނޑިޔާރުން ވަނީ ދެން އޮންނަ އަޑުއެހުމެއްގައިވެސް އަދުހަމް ދައުލަތުން ވަކީލެއްގެ ފުރުސަތު ބޭނުންވާނަމަ އެ ފުރުސަތު އޮތްކަން ފާހަގަ ކުރައުްވާފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ދީބާނާޒް ފަހުމީ، އިސްފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: