އެމެރިކާއިން ކުރިމަތިކޮށްފައިވާ އިގްތިސާދީ ދަތިކުރުންތަކަށް ރައްދުދީ އެގައުމުންވެސް އެމެރިކާއާއި ދެކޮޅަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޓްރަމްޕު ޗައިނާއިން އެ ގައުމަށް އިމްޕޯޓުކުރާ މުދަލުގެ ޑިއުޓީ ބޮޑުކުރުން ފަދަ ދަތިތައް ކުރިމަތިކުރުމަށް ޗައިނާއިންވެސް ވަނީ އެކަށީގެންވާ ޖަވާބެއް ދީފައެވެ. އެ ގޮތުން ޗައިނާއިންވެސް އެމެރިކާއިން އެ ގައުމަށް އެތެރެކުރާ އެތައް ބާވަތެއްގެ މުދަލުން އިމްޕޯޓު ޑިއުޓީ ބޮޑުކޮށް ގޫގުލްގެ މައްޗަށް ތަހުގީގުތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
ޗައިނާއިން ހާމަކޮށްފައިވާގޮތުން އެމެރިކާއިން އެ ގައުމަށް އެތެރެކުރާ ބައެއް އިޔާދަނުކުރެވޭ ހަކަތައިގެ ބާވަތްތަކުގެ ޑިއުޓީ 15 އިންސައްތައަށް ބޮޑުކުރާނެއެވެ. އަދި ސާފުނުކޮށް ހުންނަ ތެލުގެ ޑިއުޓީ 10 އިންސައްތައަށް މަތިކުރާނެކަމަށާއި ދަނޑުވެރިކަމާއި ގުޅުންހުރި ބައެއް ވަސީލަތްތަކުގެ އިތުރުން ބޮޑެތި އިނޖީނުލީ ކާރުތަކުގެވެސް އަގު މަތިވެގެންދާނެ ފިޔަވަޅުތައް އަޅާނެކަމަށެވެ.
ޗައިނާއިން ބުނާގޮތުން ވަކި ގައުމެއްގެ މައްޗަށް އިމްޕޯޓު ޑިއުޓީ ބޮޑުކުުރަން ފިޔަވަޅު އެޅުމަކީ ދުނިޔޭގެ ވިޔަފާރި ޖަމިއްޔާއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފު އަމަލެކެވެ. އަދި އެއީ އެމެރިކާއަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ފަހިވެގެންދާނެ ނިންމުމެއް ނޫންކަމަށް ބުނެފައިވާއިރު ބުރަ މަސައްކަތްތަކެއް ކުރެވި ދެގައުމުގެ ދެމެދު ގާއިމުކޮށްފައިވާ އިގްތިސާދީ ގުޅުމަށްވެސް ބޮޑެތި ނޭދެވޭ އަސަރުތައް ކުރާނެކަމަށް ބުނެފައިވެއެވެ.
ޗައިނާއިން ހާމަކޮށްފައިވާގޮތުން އެ ގައުމުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިގްތިސާދާއި ގުޅުންހުރި ބައެއް ގާނޫނުތަކާއި ހިލާފުވެފައިވާކަމުގެ ތުހުމަތުގެ މައްސަލައިގައި ގޫގުލްގެ މައްޗަށް ތަހުގީގުތައްވެސް ހިންގާނެއެވެ. މި ބަޔާނުގައި އިމްޕޯޓު ޑިއުޓީތަކުގެ ވާހަކަތައް ފާހަގަކޮށްފައި ނެތްނަމަވެސް ބަޔާން ނެރިފައިވަނީ އެމެރިކާއިން އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅުތައް ހާމަކުރުމަށްފަހުކަން ފެނިގެންދެއެވެ.
ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ކެނެޑާ އަދި މެކްސިކޯއިން އެމެރިކާއަށް އެތެރެކުރާ މުދަލުންވެސް ޑިއުޓީ އިތުރުކުރުމަށް ކަނޑައަޅާފައިވާއިރު ޓްރަމްޕުވަނީ އެ ދެ ގައުމުގެ މައްޗަށް ފިޔަވަޅު އެޅުން މަޑުޖައްސާލާނެކަމުގެ އިޝާރާތްތަކެއް ކޮށްފައެވެ. މައިގަނޑު ސަބަބަކީ އެ ގައުމުގެ ބޯޑަރުގެ ރައްކައުތެރިކަމާއި މަސްތުވާތަކެތީގެ މައްސަލައިގައި ދެ ގައުމުގެ ފަރާތުންވެސް ޓްރަމްޕު ހިތްހަމަޖެހިވަޑައިގަންނަވާ ފަދަ ބައެއް ހަރަކާތްތައް ފެނިފައިވުމެވެ. ނޫސްތަކުން ބުނާގޮތުން ޓްރަމްޕު އަދި ޗައިނާގެ ރައީސް ޝީ ޖިންގްޕިންގް ދެމެދު މުއާމަލާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ކަނޑައެޅިފައިވެއެވެ.

