ދިވެހިރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ 03 ސަބަބުގެ ތެރޭގައި ކެންސަރު ހިމެނެއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އަންދާޒާ ކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ބޮޑު އިންސައްތައެއް ކެންސަރު ބަލީގައި މަރުވާ މީހުންގެ ގޮތުގައި ހިމެނެއެވެ.
ކަމާ ގުޅުންހުރި ސިއްޙީ އިދާރާތަކުން ހިއްސާކުރާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި އެންމެ ގިނައިން ފެންނަ ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރާއި، ފުއްޕާމޭގެ ކެންސަރާއި، ލޭގެ ކެންސަރު، ތައިރޮއިޑް، ޕްރޮސްޓޭޓް ކެންސަރު އަދި އަނގައިގެ ކެންސަރު ހިމެނެއެވެ.
ކެންސަރު ޖެހުމަށް ގިނައިން މަގުފަހިވަނީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ކަންކަމުގެ ސަބަބުންކަމަށްވާއިރު، ބަލީގެ ކުރީ ކޮޅުގައި ބަލި ދެނަގަނެވުމުން ކެންސަރު ޖެހުމުގެ ނިސްބަތް ތިންބައިކުޅަ އެއްބައި ދަށްކުރެވޭކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.
ކެންސަރު ބައްޔަކީ ދުނިޔޭގެ ދެވަނައަށް އެންމެގިނައިން މީހުން މަރުވާ ސަބަބެވެ. އެގޮތުން ދުނިޔޭގައި އަހަރަކު 10 މިލިއަން މީހުން މި ބަލީގައި މަރުވެއެެވެ. މީގެ ތެރެއިން 40 އިންސައްތަ މީހުންނަކީ ދިރިއުޅުމުގެ ވައްޓަފާޅީގައި ގެންގުޅޭ ނުރަނގަޅު އެކި އާދަތަކުގެ ސަބަބުން ކެންސަރުބަލި ޖެހި މަރުވާ މީހުންކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
އޭގެ ތެރެއިންވެސް އެންމެ އާންމު އެއް ސަބަބަކީ ދުންފަތުގެ އިސްތިއުމާލު ކުރުމެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އޭގެ ސަބަބުން ކެންސަރަށް މަގުފަހިކޮށްދޭ އެއްޗެއްކަން ދިރާސާތަކުން ދައްކައެވެ. އެހެންކަމުން މި އާދައިން ދުރުވުމަށް އަބަދުވެސް އެކި އިދާރާތަކުން އިލްތިމާސް ކުރެއެވެ.
ދުންފަތާ ދެކޮޅަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ފެނިފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެކެވެ. އެގޮތުން ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނަށް އިސްލާޙު ގެނައުމާއި، ވެޕާއި އީ ސިނގިރޭޓު މަނާ ކުރުމާއި، ދުންފަތުގެ ބާވަތްތަކުގެ އަގު ބޮޑުކުރުން ފަދަ ގިނަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
އެ ފިޔަވަޅުތަކަކީ ދައުލަތުގެ އިދާރާތަކުން ނުވަތަ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކެކެވެ. ނަމަވެސް މި ވަބާއިން މަސައްކަތްކުރުމުގެ ހަގީގީ ޒިންމާ އެޅިފައިވަނީ ފަރުދުންނާއި މުޖުތަމައުގެ ބޮލުގައެވެ. އެގޮތުން ވޭޕާއި އީ ސިނގިރޭޓު ބޭނުންކުރުން ހުއްޓާލުމަކީ އޭގެ ޒާތުގައި ސިއްހީ ގޮތުން ފައިދާކުރަނިވި ފިޔަވަޅަކަށް ވާއިރު، އިދާރާތަކުގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމަކީ މުހިއްމު ކަމެކެވެ.
ކޮންމެ ގޮތަކަށް ދުންފަތުގެ އިސްތިއުމާލު ކުރިއަސް ދުންފަތަކީ ހަށިގަނޑަށް ގެއްލުން ހުރި އެއްޗެކެވެ. އެއްވެސް ބާވަތެއްގެ ދުންފަތެއްގައި ހަށިގަނޑަށް ރައްކާތެރި ފައިދާކުރަނިވި އެއްވެސް މާއްދާއެއް އެކުލެވިގެނެއް ނުވެއެވެ.
ކޮންމެ ކަމަކީ ޖޫރިމަނާކޮށް، ނުވަތަ ފިޔަވަޅު އަޅައިގެން ހުއްޓެންޖެހޭނެ ކަމެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ތިމާގެ ސިއްޙަތާމެދު ތިމާގެ އަމިއްލަ ޒިންމާ މާ ބޮޑުވާނެއެވެ.
ވަކިންޚާއްސަކޮށް، ފުއްޕާމޭގެ ކެންސަރުވެސް ރާއްޖޭގައި އިތުރުވެފައިވާއިރު، ފުއްޕާމޭގެ ކެންސަރުގެ 90 އިންސައްތައަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ޖެހޭ ކެންސަރުކަމަށް ސިއްޙި މާހިރުން ވިދާޅުވެއެވެ. އެހެންކަމުން ދުންފަތާ ދުރުވުމަށް އަޅާ ކޮންމެ ފިޔަވަޅަކަށް ބޯލެނބުމުގައި ފަރުދީ ޒިންމާވެސް ނުހަނު ބޮޑެވެ.
ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގައި އެންމެ ގިނައިން މީހުން ބަލި މަޑުކަމާއި، ނުކުޅެދުންތެރި ކަމަށް ހުށަހެޅޭ އަދި މަރުވާ އެއް ސަބަބަކީ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުންފަތުގެ ދުމަށް ހުށަހެޅުންކަމަށް ދާދި ފަހުން ހެލެތް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެގޮތުން ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ސީދާ ދުންފަތުގެ ސަބަބުން 172 މީހުން އަހަރަކު މަރުވާ ކަމަށް މިނިސްޓްރީން ނިމިދިޔަ ޑިސެމްބަރު މަހު ފާހަގަކޮށްފައިވެއެވެ. އަދި ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތައްކަން ސިއްޙީ މާހިރުން ފާހަގަކުރެއެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމަކީ މިއަދު ގިނަ ދިވެހިންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. މުޖުތަމައަށް ކުރިމަތިވެފައިވާ ”ވަބާ“ އެކެވެ. ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި ނުކުރާ މީހުންނަށްވެސް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަމެކެވެ. ގިނަ މީހުން މިކަން ކުރަނީ އޭގެ ސަބަބުން ހިތްހަމަ ޖެހޭތީ ކަމަށް ބުނެއެވެ. ނަމަވެސް ސިނގިރޭޓަކީ އޭގެ ސަބަބުން މީހާގެ ހިތް ނުތަނަވަސްކޮށްލާ އަދި ހާސްކޮށްލާ އެއްޗެކެވެ.
ދުންފަތާ ދުރުހެލިވުމަށް ފަރުދީ ފެންވަރުގައި ވެސް ކުރެވިދާނެ ކިތައްމެ ކަމެއް ހުންނާނެއެވެ. ހަމަ އެހެންމެ އެފަދަ މީހުންނަށް ހިއްވަރު ދިނުމާއި އެހީތެރިވުމަށް ވެސް ކުރެވިދާނެ ކަންތައްތައް ހުންނާނެއެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ހުއްޓާލުމަށް އަޒުމް ކަނޑައެޅުމެވެ. ދެން ކުރަންވީ ކަމަކީ އެހީތެރިކަން ފޯރުކޮށް ދިނުމެވެ. މި ދެބައި އެކުވެއްޖެ ނަމަ ދުންފަތާ ދެކޮޅަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިދާނެއެވެ.

