ޖަޕާނުން ރާއްޖެއަށް އަލަށް ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމީކޯ، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލްއާ ބައްދަލުކުރައްވައިފިއެވެ.
ޚާރިޖީ ވުޒާރާއިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ޖަޕާނުގެ އައު ސަފީރު އިޝިގާމީ ވަނީ މިނިސްޓަރ ޚަލީލްއާ ބައްދަލުކުރެއްވުމަށް އެ މިނިސްޓްރީއަށް ޒިޔާރަތްކުރައްވާފައެވެ. މި ބައްދަލުވުމުގައި، މިނިސްޓަރ ޚަލީލް ވަނީ އިޝިގާމީ އަށް މަޤާމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތުމުން މަރުޙަބާ ދަންނަވާފައެވެ. އަދި މީގެ ކުރިން ރައީސް އޮފީހަށް ވަޑައިގެން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އަރުވާފައިވާކަންވެސް ފާހަގަކުރެވެއެވެ. މިނިސްޓަރ ޚަލީލްއާއެކު ބޭއްވި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެވުނެވެ.
މިނިސްޓަރ ޚަލީލް ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން، ޖަޕާނުން ފޯރުކޮށްދެއްވާ އެހީތެރިކަމަށް ޝުކުރުވެރިވާކަން ހިއްސާކުރައްވާފައެވެ. އަދި ޖަޕާނުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އޭގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިފައިވާ ފައިދާތަކާއި، އާންމު ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މަގުފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އިޝިގާމީ ވަނީ ސަރުކާރުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދިވެހިރާއްޖެއާއެކު ގާތުން މަސައްކަތްކުރެއްވުމަށް އަހައްމިއްޔަތުކަން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. މިގޮތުން، ދެ ޤައުމުގެވެސް ޝައުޤުވެރިކަން ހުރި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި މުޢާމަލާތްތައް އިތުރުކުރުމަށްވެސް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންފައިވާކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޚަލީލްގެ އިތުރުން، ފޮރިން ސެކްރެޓަރީ ފާޠިމަތު އިނާޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ އަބްދުއްސަމަދު އަދި އެހެނިހެން ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

