ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ކާރު ދަށުވެ މީހަކު މަރުވި މައްސަލައިގައި ކާރު ދުއްވަން އިން މީހާ ދައުވާއަށް އިންކާރުކޮށްފި އެވެ.
މިއީ ހުޅުމާލޭގެ އުރީދޫ އިމާރާތް ކައިރިން ސައިކަލަކާއި ކާރެއް ޖެހި ހިންގި އެކްސިޑެންޓެއްގައި ބަންގްލަދޭޝްގެ ރައްޔިތެއް މަރުވި މައްސަލަ އެވެ.
އެކްސިޑެންޓު ހިނގިއިރު ސައިކަލުގައި ތިބީ ބަންގްލަދޭޝްގެ ދެ މީހުންގެ ތެރެއިން، ހާދިސާގައި މަރުވީ ސައިކަލު ދުއްވި މައްސޫދެވެ.
މައްސަލައިގައި ކާރު ޑްރައިވަރު މައުސޫމް ހަލީމްގެ މައްޗަށް އުފުލާފައި ވަނީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާއި، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އެވެ.
މި އަޑުއެހުމުގައި އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފައެވެ.
މައްސޫދުގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އޭނާ އޫރިދޫ ބިލްޑިންގެ ހުޅަނގަށް އޮންނަ މަގުން ކަނާއަތަށް ސިގްނަލް ނުދީ ގޯޅިއެޅި ވަގުތު، ސައިކަލުގައި ކާރުން ޖެހި އެކްސިޑެންޓްވުމުން ވެސް ބިދޭސީ މީހާގެ ހަށިގަނޑު މަތީން ބާރު ސްޕީޑުގައި ކާރު ރިވާސްކޮށްފައި ވާތީ އެވެ. މަސްއޫދު މަރުވެފައި ވަނީ އޭގެ ސަބަބުން އޭނާއަށް ލިބުނު އަނިޔާތަކަށެވެ.
އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ މި މައްސަލައިގައި އުފުލާފައި ވަނީ، ސައިކަލުގައި ދެވަނައަށް ހުރި މީހާގެ ގައިމަތީން ވެސް ކާރު ގޮސް އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުމުންނެވެ.
މި އެކްސިޑެންޓުގައި ކާރުން ޖެހި، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރެއްގައި ވެސް ޖެހި ވަނީ ގެއްލުންތަކެއްވެފަ އެވެ. މައުސޫމްގެ މައްޗަށް މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ އެހެންވެ އެވެ.
އެކްސިޑެންޓެއްގެ މައްސަލައިގައި، ދައުވާ ކުރަން ފޮނުވިއިރު މި ފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކުގައި ދެ ޒުވާނަކު ވަނީ ނިޔާވެފަ އެވެ.

