ރާއްޖޭގެ މަސްވެރި ސިނާއަތް ކުރިއެރުވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޅ. ފެލިވަރާއި ގދ. ތިނަދޫގައި ހަދަމުން އަންނަ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސް ވިދާޅުވީ، ޒަމާނާ އެއްގޮތަށް މަސްވެރި ސިނާއަތު ކުރިއެރުވުމަކީ އެމަނިކުފާނު ގެންގުޅުއްވާ މުހިންމު ސިޔާސަތެއްކަމަށެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫ ކޯލްޑް ސްޓޯރޭޖުގައި ގާއިމްކުރުމާއި މަސް ޕްރޮސެސިން މަސައްކަތް ކުރުމާއި ގދ. ތިނަދޫ، މ.މުލައް، ގއ.ކޫއްޑޫ އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ގާއިމްކުރުމުގެ މަސައްކަތް ކުރުމާއި ހުޅުމާލޭގައި ބޮޑު ކަންނެލި ފެކްޓަރީއެއް ހެދުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މި އަހަރު ކުރިއަށްދާނެކަމަށެވެ.
އޭގެ ތެރެއިން ފެލިވަރާއި ގދ. ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މި އަހަރު ނިމޭނެ.
ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހުޅުމާލޭގެ ބޮޑު ކަންނެލި ފެކްޓަރީއާއި ހއ. އިހަވަންދޫ އަދި މ. މުލަކުގެ ކޯލްޑް ސްޓޯރޭޖާއި ފެލިވަރުގެ މަސް ޕްރޮސެސިން ޕްލާންޓުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށެވެ. އަދި ގދ. ފިޔޯރީ އާއި ފ. ނިލަންދޫގެ ކޯލްޑް ސްޓޯރޭޖާއި މަސް ޕްރޮސެސިން ޕްލާންޓުގެ 2027ގެ ކުރީކޮޅު ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

