ދަނޑުވެރިކަމަށް ޚާއްސަ ކުރެވިގެން އިޤްތިޞާދީ ޒޯނެއް މިއަހަރުތެރޭގައި ޤާއިމް ކުރެވި، ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްސަ މަޝްރޫއުއެއް ފެށިގެންދާނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމަހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި، ވިދާޅުވީ ރާއްޖޭގެ ބިމުން އިޤްތިޞާދު ބިނާކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ދަނޑުވެރިކަމަށް ޚާއްސަ މަސައްކަތްތަކެއް ފެށިގެންދާނެކަމަށެވެ. އެގޮތުން އެކަމަށްޓަަކައި ޚާއްސަ ޒޯނެއް ޤާއިމް ކުރައްވާ އެ ސިނާއަތުގެ މަސައްކަތްތައް ފުޅާ ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން ޚާއްސަ މަސައްކަތްތަކެއް މިއަހަރުކުރަން ވަނީ ރޭވިފަ. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ޚާއްސަ އިޤްތިޞާދީ ޒޯނެއް ޤާއިމް ކުރެވިގެންދާނެ.
ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގައި ކުރިމަތިވެފައިވާ، އެންމެ ބޮޑު ގޮންޖެހުމަކީ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށް ހުރި ގޮންޖެހުންތަށްކަމަށް ރައިސް ފާހަގަކުރެއްވިއެވެ. މިއަދު ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ އެކަމަށްވެސް މިއަހަރު ޚާއްސަ މަޝްރޫޢުއެއް ފައްޓަވާ، އޭގެން ރާއްޖޭގެ އިޤްތިޞާދަށް ނަފާ ހޯދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތަކުން ފުޑް ސެކިއުރިޓީ ޤާއިމް ކުރެވޭ މިންވަރަށް ޚައްސަ މަޝްރޫޢުއެއް މިއަހަރު ފެށިގެންދާނެ، މި މަޝްރޫއު 2028 ވަނަ އަހަރަށް ނިމި އޭގެ ފައިދާ ރާއްޖޭގެ އިޤްތިޞާދަށް ލިބިގެންދާނެ.
ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް މިފަހުން ކުރިމަތިވި ޕެންޑަމިކްގެ ތެރޭގައިވެސް އެންމެ ބޮޑަށް ކުރިމަތިވި އެއް ގޮންޖެހުމަކީ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާނާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ދިމާވި ގޮންޖެހުންތަކެވެ. ސަބަބަކީ ރާއްޖެގެ ދަނޑުވެރިކަމުގެ ސިނާއަތް ތަރައްޤީ ނުކުރެވި، ފުޅާނުކުރެވި އޮތުމެވެ.
އެހެންކަމުން ރައީސް ޑރ. މުޙައްމަދު މުޢީޒު އިސްކަމެއްދެއްވަވައިގެން މިސިނާއަތްފުޅާކުރެއްވުމަށް މިއަހަރު ފައްޓަވާ މަޝްރޫޢު ގެ ސަބަބުން، މުސްތަޤްބަލްގައި ރާއްޖެއިން ބޭރުން އެތެރެކުރާ ކާނާގެ ބާވަތްތަކަށް ބަރޯސާވުން ކުޑަކުރެވި، ދިވެހި އުފެއްދުންތެރިކަން އިތުރުވެ، ކާނާގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެކަމާއިމެދު ޝައްކެއްނެތެވެ. އަދި ރާއްޖެގެ އިޤްތިޞާދުގެ މައިގަނޑު އެއް އަސާސަކަށް ދަނދުވެރިކަމުގެ ސިނާޢަތްވެގެންދާނެކަމާއިމެދު ޝައްކެއްނެތެވެ.

