ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ޖުލައި މަހު ދޫކުރަން ފަށާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ވިދާޅުވީ، ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢުތައް މެދުވެރިކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އިތުރުން، އަމިއްލަ ގޯތީގައި ޢިމާރާތްކުރުމަށް 5 އިންސައްތަ ފައިދާގައި ޝަރީޢާ ހުއްދަކުރާ ލޯނު ދިނުމަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާ ކަމަށެވެ.
އެކަމަށް އެދޭ ފަރާތްތަކަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް މިހާރު ހުޅުވާލެވިފައިވާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މި ސްކީމްގެ ދަށުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފެށޭނެ ކަމަށެވެ. އެއާއެކު، މިއަހަރު ނިމިގެންދާއިރު 1 ބިލިއަން ރުފިޔާގެ ލޯނުގެ އެހީތެރިކަން ދިރިއުޅުން ބިނާކުރުމަށްޓަކައި، އާންމު ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، މި ލޯނު ސްކީމްގެ ދަށުން މާލޭގައި ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް އަދި ބެހެނިވެރިން އެކުވެގެންނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި ދެމެހެއްޓިނިވި އާބާދީއާއި ތަރައްޤީގެ ވިސްނުމުގެ ދަށުން ކަނޑައެޅިފައިވާ ރަށްރަށުގައި 3 މިލިއަން ރުފިޔާއާއި ހަމައަށް ލޯނު ނެގޭނެކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު، އެހެނިހެން ރަށްރަށުގައި 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ ކަމަށާއި، މިގޮތުން ނަގާ ލޯނުގެ ބޭނުންކޮށްގެން މުޅިން އަލަށް ގެއެއް އިމާރާތްކުރުމާ، ހަދަންފަށައިފައި ނުނިމިހުރި ގެއެއް ނަމަ، ނިންމުމާއި، ހަދައިފައިހުރި ގެއެއް ނަމަ މަރާމާތު ކުރަން ވެސް ބޭނުންކުރެވިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެރައްޔިތެއްގެ ފުރަތަމަ ގެއަށް ޚަރަދުކުރުމަށް ހުޅުވާލެވޭ ވަރަށް ބޮޑު ފުރުޞަތެއް.
ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށާއި އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

