އާސަންދައިން ފޯރުކޮށްދޭ ބޭސްތަކަކީ އެކި ފިހާރަތަކުން އެކި އަގު ޖަހައިގެން ނަހަމަ އަގުގައި އޭގެން ވިޔަފާރިކޮށް ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާނުގައި ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް އަލިއަޅުއްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ގައުމެއް ބިނާކުރުމުގައި ރައްޔިތުންގެ ސިއްހީ ދުޅަހެޔޮކަމަކީ އެންމެ އިސްކަން ދޭންޖެހޭ އެއް އަސާސްކަމަށެވެ. އެހެންކަމުން ސިއްހީ ފަރުވާއަށް ބޭނުންވާ މީހުންނަށް އިތުބާރާއިއެކު ސިއްހީ ފަރުވާ ލިބޭނެ ނިޒާމެއް ގާިއމުވެފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ދާއިރާއާއި ރައްޔިތުންނާއި އެންމެ ބޮޑަށް ގުޅިފައިވަނީ އާސަންދައިގެ ނިޒާމު މެދުވެރިކޮށްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އާސަންދައިގެ ނިޒާމަކީ ސިއްހީ ފަރުވާ ހުރިހާ ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ހިންގަމުންދާ ނިޒާމެއްކަމަށާއި އެހެންވީމާ އެ ނިޒާމު ކޮންމެހެންވެސް ދަމަހައްޓަންޖެހޭނެކަމަށް ފާހަގަކުރެއްވިއިރު އެ މަސައްކަތްތަކުގެ ތެރެއިން އަދުލުވެރިކަމާއި އިންސާފުވެރިކަން ކަށަވަރުވާންޖެހޭކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ނިޒާމުންވެސް ބަޔަކު މީހުން ނާޖާއިޒް ގޮތުގައި ފައިދާތައް ނަގަމުންދިޔަކަން ސަރުކާރަށް ޔަގީންކުރެވުނުކަމަށާއި އެހެންކަމުން ހަރުދަނާކުރުމަށްޓަކައި ނިމިދިޔަ އަހަރުގެ ތެރޭގައި މުހިންމު ފިޔަވަޅުތަކެއް އެޅުއްވިކަމަށެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ބޭހުގެ ބަލްކް ޕްރޮކިއަރމެންޓު މަސައްކަތްތަކުގެ ތެރެއިން ރާއްޖެއަށް އެންމެ ފެންވަރު ރަނގަޅު ބޭސް ގެންނަން ފެށިކަމަށާއި ޒަމާންވީ ބޭހުގެ ނަހަމަ ވިޔަފާރިއާއި ނިޒާމުގެ ތެރެއިން ކުރެވޭ އިސްރާފުތައް ހުއްޓުވުމަށްޓަކައި 250 ބޭހެއްގެ އަގު ވަކި މިންގަނޑެއްގެ ތެރޭގައި ހިފެހެއްޓެވިކަމަށެވެ.
ރައީސް ވިދާޅުވީ، އެ ބަދަލުތައް ގެނައުމުން ބައެއް ފަރާތްތަކުން އަމަލުކުރިގޮތުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެގެންދިޔަކަމަށެވެ. ނަމަވެސް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހި ކުރިއަށް ފިޔަވަޅު އަޅުއްވާފައިވާނެކަމަށާއި މި އަހަރުގެ ތެރޭގައި އިތުރަށް ފިޔަވަޅުތައް ވަރުގަދަކުރައްވާނެކަމަށް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އާސަންދައިން ބޭސް ހޯދުމުގައި ރައްޔިތުންނަށް މާލީ ތަކުލީފެއް ކުރިމަތިނުވާނެކަން ކަށަވަރުކުރައްވާނެކަމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި އެންމެ އިސްނާފުވެރި ގޮތް އަބަދުވެސް އިސްކުރައްވާނެކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، އާސަންދައިގެ ނިޒާމު ހަރުދަނާކޮށް އިސްލާހުކުރުމުގެ މަސައްކަތްތައް ފެށްޓެވިއިރު އެސްޓީއޯގެ ބޭސްފިހާރަތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޭހުގެ ނިސްބަތްހުރީ އެންމެ އެކަށީގެންވާ މިންވަރެއްގައި ނޫންކަމަށެވެ. އެހެންކަމުން މިއަހަރުގެ ތެރޭގައި އެކަން ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ކޮންމެ ހިސާބެއްގައި ހުރި ކޮންމެ ރައްޔިތަކަށްވެސް އިތުރު ހަރަދެއް ނުވަތަ އިތުރު ދަތުރެއް ކުރަން ނުޖެހި ފެންވަރު ރަނގަޅު ބޭސް ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި މުހިންމު ހިދުމަތްތަކެއް ތައާރަފްކުރައްވާނެކަމަށް މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން އާސަންދައިގެ ހިދުމަތުގެ ނަން ފިލާގަނޑު ހުންނަ ކޮންމެ ބޭސްފިހާރައަކީވެސް ރައްޔިތުންގެ ދުޅަހެޔޮކަމަށް ހިދުމަތްކުރާ ތަނަކަށް ވާކަން ކަށަވަރުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި އާސަންދައިން ފޯރުކޮށްދޭ ބޭހަކީ އެކި ފިހާރައިން އެކި އަގު ޖަހައިގެން ނަހަމަ އަގުތަކުތަގައި އޭގެން ވިޔަފާރިކޮށްގެން ވަކި ބަޔަކު މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ހޭދަކުރާ ކޮންމެ ރުފިޔާއަކީވެސް ދިވެހި ރައްޔިތުންގެ ދުޅަހެޔޮކަމަށް ކުރެވޭ ހޭދައަކަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ.

