ރައީސް ޑރ މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވީ ރައްޔިތުން ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެންކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަމުން ދިޔަ ވަގުގުތު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ވަނީ ތަޅުމުގައި ތިއްބަވައިގެން އިހުތިޖާޖުކުރައްވާފައެވެ. ރިޔާސީ ބަޔާނަށް ހުރަސްއަޅައި އަޑުގަދަ ކުރަމުން ގެންދިއުމުގެ ސަބަބުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އަޑުގަދަކުރުން ހުއްޓާލުމަށް ތަކުރާރުކޮށް އިރުޝާދު ދެއްވާފައެބެ. އަދި އެގޮތުގެ މަތިން އަމަލުނުކޮށްފި ނަމަ ނަން އިއްވުމަށްފަހު ތަޅުމުން ބޭރަށް ދިއުމަށް އަންގާނެކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް އެ އިރުޝާދަށް ތަބާނުވުމުން މެމްބަރުންގެ ނަން އިއްވައި ރިޔާސަތުން ވަނީ މެމްބަރުން ތަޅުމުން ބޭރުކޮށްފައެވެ.
މެމްބަރުންގެ ނަން އިއްވުމުން، އެކަމަށް ނުރުހުންފާޅުކޮށް ޝާހިދު ވިދާޅުވީ، އިދިކޮޅު މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުނީ ގަދަބާރުންކަމަށާއި މިނިވަންކަމާއިއެކު އަޑުއުފުލުމަށް ހުޅިވިފައިވާ ހުރިހާ ދޮރެއް ބަންދުކޮށްފައިވާކަމަށެވެ. ޝާހިދު ވިދާޅުވީ، ސަރުކާރުންވަނީ ހަތިޔާރު އެޅި ސިފައިން މާލޭގެ މަގުތަކަށް ނެރިފައިވާކަމަށާއި ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވެވީ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި ބައިތިއްބައިގެންކަމަށެވެ. އެހެންކަމުން އެ ބަޔާނުން ހާމަވަގެންދަނީ މި ސަރުކާރުން ޑިމޮކްރެސީގެ ހުރިހާ އަސާސެއް ފުނޑާލަމުންދާކަން ކަމަށާއި މި އަހަރުގެ ރިޔާސީ ބަޔާން އިއްވެވިއިރު ނިމިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް މުއިއްޒު ފުއްދަވައިދެއްވާފައިނުވާކަމަށެވެ.
ޝާހިދު ވިދާޅުވީ، ވައުދުތަކެއްގެ މައްޗަށް އައު ވައުދުތަކެއް ވެވަޑައިގެންނެވުމަކީ ގާނޫނުއަސާސީން އެމަނިކުފާނަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތަށް ވެވަޑައިގެންނެވި ބޮޑު އިހުމާލެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ރައީސް ކުރެއްވި ޖެއްސުމެއްކަމަށެވެ. ނަމަވެސް ރައީސް މުއިއްޒުއަށް އިދިކޮޅުގެ އަޑު ފަނޑުނުކޮށްލެވޭނެކަމަށާއި މި ސަރުކާރު ޒިންމާދާރުކޮށް ގާނޫނުއަސާސީގެ ހިމާޔަތުގައި އެމްޑީޕީން ދެގޮތެއް ނުވެ ދެމި އޮންނާނެކަމަށެވެ.

