1446 ވަނަ އަހަރުގެ ރަމަޟާން މަހަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ހާއްސަ ތައްޔާރީތަކެއް ވާން ފަށައިފިއެވެ.
އެސްޓީއޯގެ މައިގަނޑު އެއް މަގްސަދަކީ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދާ ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމެވެ. އަދި އެކަށީގެންވާ އަގެއްގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން އެތަކެތި ލިބޭނެ މަގު ފަހި ކޮށްދިނުމެވެ. މިގޮތުން، ކޮންމެ އަހަރެއްގެ ރަމަޟާން މަހަށްވެސް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއި އެސްޓީއޯ ގުޅިގެން ހާއްސަ ތައްޔާރީތަކެއް އަންނަނީ ވަމުންނެވެ.
ރަމަޟާން މަހަކީ ކާބޯތަކެތީގެ ޑިމާންޑް އިންތިހާއަށް މަތިވާ މޫސުމަކަށް ވުމާއެކު، އަގުތައް މައްޗަށް ދިއުމާއި ސަޕްލައި ޝޯޓޭޖްވުމަކީ އާންމުކޮށް ދިމާވާ މައްސަލައެކެވެ. މީގެ ސަބަބުން އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެކެވެ.
އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް އެސްޓީއޯއިންވަނީ ރަމަޟާން މަހަށް ބޭނުންވާ މުދާ ދަތިކަމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވެފައެވެ. ކުރީ އަހަރުތަކުގެ ތަޖުރިބާއާއެކު، މިއަހަރު ވަކިން ހާއްސަކޮށް ވަނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކަށް ލުއިވާނެހެން ކަންކަން ރޭވިފައެވެ. ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަރކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅިގެން އަންނާނެއެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް މުދާ އިމްޕޯޓްކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައްވެސް ހަމަޖެއްސިގެންދާނެއެވެ.
ރަމަޟާން މަހުގައި އަގުތައް މައްޗަށް ދިއުން ހުއްޓުވުމަށްޓަކައި، އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ދުރާލާ ވަނީ ކުރެވިފައެވެ. މިގޮތުން ފުރަތަމަ ޝިޕްމެންޓް ފެބުރުވަރީ މަހުގެ ކުރީކޮޅު މާކެޓަށް ނެރެވޭނެއެވެ. އަދި އެއަށްފަހުވެސް ގަވާއިދުން އެހެނިހެން ޝިޕްމެންޓްތައް ގެނެވޭނެއެވެ. ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ތަކެތީގެ އިތުރުން އެހެނިހެން މުހިންމު ކާބޯތަކެތި ވެސް ބާޒާރަށް ނެރެވޭނެ ގޮތް ހަމަޖެހިގެންދާނެއެވެ. ޚާއްޞަކޮށް ބާޒާރުގައި އަގު މައްޗަށް ދާކަމަށް ފާހަގަކުރެވޭ ތަކެއްޗަށް އިސްކަންދެވޭނެއެވެ. އަދި އަސާސީ މުދަލެއްގެ އަގު އެކަށީގެންނުވާ މިންވަރަކަށް މައްޗަށްދާނަމަ، އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެއެވެ. އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުމެވެ.

