އޯޝަން ސިކްސް ފިފްޓީއިން ދުނިޔޭގެ ރެކޯޑެއް ގާއިމްކުރުމަށްޓަކައި ”އެކްރޮސް މޯލްޑިވްސް“ގެ ނަމުގައި ހިންގާ ޑައިވް ހަރަކާތުގެ އެކްސްކްލޫޒިވް ޑިޖިޓަލް ޕަރޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.
މި ޑައިވް ކުރުމަށް ތައްޔާރުވަމުންދަނީ، 2022 ވަނަ އަހަރު މެދުނުކެނޑި 50 ގަޑިއިރު ޑައިވްކޮށް އޭޝިއާގެ އެންމެ ދިގު ސްކޫބާ ޑައިވްގެ ރެކޯޑް ހަދައިފައިވާ ރާއްޖޭގެ ތަޖުރިބާކާރު ޑައިވަރ ޝަފްރާޒް ނަސީމްއެވެ. މި ގޮތުން، ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުން ފެށިގެން އެންމެ ދެކުނާހަމައަށް ފީނުމަށް ވަނީ ރޭވިފައެވެ.
”އެކްރޮސް މޯލްޑިވްސް“ގެ ހަރަކާތުގެ ތެރެއިން ދުނިޔޭގެ ދެ ރެކޯޑު ހެދުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ކަން ކުރުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހައިލައިގެންނެވެ. މި ގޮތުން، ފުރަތަމަ ފިޔަވަހީގެ ދަށުން ހެދުމަށް މަސައްކަތްކުރާނެ ރެކޯޑަކީ، ހުޅުމާލެއިން މާލެއަށް، 14 ކިލޯމީޓަރުގެ ފީނައިގެންނެވެ. ދެވަނަ ރެކޯޑު ހެދުމަށް މަސައްކަތްކުރާނީ ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމާއި ހަމައަށް، 460 ކިލޯމީޓަރުގެ ފީނައިގެންނެވެ. މި ހަރަކާތުގެ މަގުސަދަކީ، ރާއްޖޭގެ ކަނޑުތަކުގެ ރީތިކަން ދުނިޔެއަށް ދައްކައިލައި، ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތައް ދުނިޔޭގެ ސަމާލުކަމަށް ގެނައުމެވެ. އަދި، މި ހަރަކަތުގެ އެހީގައި، މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓައް ކޮށްފައިވާ އަސަރުތައް ދެނެގަނެ، އެ ކަމުގެ މުހިންމު މައުލޫމާތުތައް އެއްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ހަރަކާތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުން ކުރިއަށް ގެންދާ ސީ.އެސް.އާރ ހަރަކާތްތަކުގެ ތެރެއިން ”ކެއަރ ފޯ ދި އޯޝަންސް“ ގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށް ބެލެހެއްޓުމަކީ ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އެގޮތުން، ޝަފްރާޒް އާއި އޯޝަން ސިކްސް ފިފްޓީގެ ފަރާތުން ހިންގާ މުހިންމު ހަރަކާތުގެ ޑިޖިޓަލް ޕަރޓްނަރަކަށް ދިރާގު ވުމަކީ ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މި ހަރަކާތުގެ އެހީގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ހޭލުންތެރިކަން އިތުރުވެ، އަންނަން އޮތް ޖީލުތަކަށް ކަނޑުތައް ރައްކާތެރިކުރުމަށް އިތުރު ހަރަކާތްތައް ހިންގުމަށް ބާރު އެޅިގެންދާނެކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ހިންގާ މި ފަދަ މުހިންމު ހަރަކާތްތަކަށް ހިތްވަރުދީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފޯރުކޮށްދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
ދިރާގަކީ އަބަދުވެސް، ތިމާވެށި ރައްކާތެރިކުރުމަށް އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ހައްލު ހޯދުމަށް ރާއްޖޭގައި ހިންގާ މި ފަދަ ހާއްސަ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، މި ފަދަ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވަމުންދާ ކުންފުންޏެއްކަން ފާހަގަކުރެވެއެވެ.

