އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ސަރުކާރުން ޕްރޮޖެކްޓުތަކާއި ވަޒީފާ ބެހިކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަބްދުއްރަހްމާން ތުހުމަތުކުރައްވައިފިއެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނުގައި، ޕީއެންސީއަށް 33 ގޮނޑި ލިބިފައިވާއިރު ބައެއް ފަރާތްތަކުން ގެންދަނީ އެ މަސައްކަތްތަކުގައި ސަރުކާރުން ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތުކޮށްފައެވެ. އެގޮތުން މެމްބަރު އަބްދުއްރަހްމާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންތިހާބީ މާހައުލުގެ ތެރެއިން ފެނިވަޑައިގެންނެވި މަންޒަރުތަކުގެ ސަބަބުން އަންތަރީސް ވެފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، މުޅި ދައުލަތް އަރިކޮށް އޮއްސާލާފައިވާކަމަށާއި ހުރިހާ ވެރިންނާއި މަޖިލިސް މެމްބްރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަން ކާމިޔާބުކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަބްދުއްރަހްމާން ވިދާޅުވީ، ސަރުކާރުންވަނީ ޕްރޮޖެކްޓުތަކާއި ފައިސާ އަދި ވަޒީފާވެސް ބަހާފައިކަމަށާއި، ނަމަވެސް މިއީ ކުޑަ އިންތިހާބެއްގެކަމަށެވެ.
އެހެންކަމުން ގިނަ ގިނައިން އިންތިހާބުތައް ބާއްވަންވީކަމަށާއި، އެންމެ ބޮޑު ދެ އިންތިހާބު އެއްކޮށްލުމުން ހަރަދު ކުޑަވަނީ ދައުލަތަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ފެނިވަޑައިގެންނެވި މަންޒަރުތަކުން އެކަމުގެ ސަބަބުން ހަރަދުތައް ކުޑަވެގެންދަނީ ވެރިކަން ކުރާ ޕާޓީއަށްކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
އިންތިހާބީ މަސައްކަތްތަކާއިމެދު މެމްބަރު އަބްދުއްރަހީމް ނުރުހުން ފާޅުކުރެއްވިއިރު ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުން ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ހާސިލުކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. މި
އިންތިހާބުގައި ޕީއެންސީ ކާމިޔާބު ކުރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 30 ގޮނޑިއަކާއި ކައުންސިލްގެ އަންހެނުންގެ މެމްބަރުންނަށް ހާއްސަ އެއް ގޮނޑި، އަތޮޅު ކައުންސިލް ރައީސްގެ ގޮނޑިއެކެވެ. މީގެ ތެރޭގައި އިންތިހަބަކާއި ނުލައި ޕާޓީއަށް 24 ގޮނޑިއެއް ވަނީ ކާމިޔާބު ކުރެވިފައެވެ. އެހެންކަމުން އިންތިހާބުގައި ވާދަކޮށް، ލިބިފައިވަނީ 09 ގޮނޑިއެވެ.

