މަސްތުވާތަކެތީގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖްތިމާޢީ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައެވެ. މި މައްސަލައަކީ ބައި ގަރުނެއްހާ ދުވަސްވެފައިވާ މައްސަލައެއް ކަމުގައި ވީނަމަވެސް، އަދިވެސް މި ވަބާއިން ދިވެހި ޤައުމު ސަލާމަތްވެފައެއް ނުވެއެވެ. އަދި ދުވަހެއް ދުވަހަކަށް މި މައްސަލަ އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލަތަކަކީ އަބަދުވެސް އެންމެ ގިނައިން ހިނގާ ކުށްތަކުގެ ތެރޭގައި ހިމެނޭ މައްސަލަތަކެކެވެ. އަދި އަހަރަކުން އަހަރަކަށް މި މައްސަލަތަކުގައި ދަޢުވާ ކުރުމަށް ހުށަހަޅާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ބަންދުކުރެވޭ މީހުންގެ ތެރެއިން 65-70 އިންސައްތަ މީހުންނަކީ މަސްތުވާތަކެތީގެ އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންނެވެ. މީގެ އިތުރުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތީގެ އަގު މިލިއަނުން ބިލިއަނަށް އަރާކަން ފާހަގަކުރެވެއެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން އެތައް މަސައްކަތްތަކެއް ކުރަމުން ދިޔަ ނަމަވެސް، އަދިވެސް އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަން ފާހަގަކުރެވެއެވެ. އެހެންނަމަވެސް، މިހާރުގެ ސަރުކާރުން މި މައްސަލައަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާއި ގޭންގު މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމަށް ފަށާފައިވާ މަސައްކަތަށް ބޭނުންވާ ޤާބިލުކަން މިއަހަރު އިތުރުވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ފުލުހުންގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. މިގޮތުން، މިހާރު ވަނީ 27 ރަށެއްގައި ޕޮލިސް ސްޓޭޝަން ހުޅުވާފައެވެ. އަދި މިއަހަރު ނިމޭއިރު، ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައި ނުވާ އެއްވެސް ރަށެއް ނުހުންނާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްޗަށް ޝަރުޢީ ނިޒާމުގެ ތެރެއިން އެކަށީގެންވާ ގޮތެއްގައި ޤާނޫނު ތަންފީޛުކުރުމަކީވެސް މުހިންމު ކަމެކެވެ. އަދި މި މައްސަލައަށް ހައްލު ހޯދުމަށް އިޚްލާޞްތެރިކަމާއެކު، ހެޔޮ ނިޔަތެއްގައި ޤައުމުގެ މުސްތަޤުބަލަށް ވިސްނައި، ޖީލެއް ހަލާކުވުމުން ސަލާމަތްކުރުމަށް އަމާޒު ހިފައިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީވެސް މުހިންމު ކަންކަމެވެ. އަދި މަސްތުވާތަކެތި އެތެރެކުރުމާއި ވިޔަފާރިކުރުން ހުއްޓުވުމަށް ބޯޑަރ ކޮންޓްރޯލް ހަރުދަނާކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ވެޕާއި، ދުންފަތާއި، ސިނގިރޭޓު އުފެއްދުމަށް ބޭނުންކުރާ ހުރިހާ އާލާތްތަކެއް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަކީ މި މައްސަލައަށް ހައްލު ހޯދުމަށް އެޅިފައިވާ އެއް ފިޔަވަޅެވެ. ނަމަވެސް، މި ފިޔަވަޅުން އެކަނި އެދެވޭ ނަތީޖާއެއް ނިކުމެދާނެ ކަމަށް ގިނަ ބަޔަކު ނުދެކެއެވެ. އެހެނީ މަސްތުވާތަކެތި އޭގެ ޒާތުގައިވެސް މަނާ އެއްޗެހި ކަމުގައިވީ ނަމަވެސް، އެތައް އަހަރެއް ވީއިރުވެސް މި ވަބާއިން ދިވެހި ޤައުމު ސަލާމަތްވެފައި ނުވާތީއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ސަރުކާރާއި، މުޖުތަމަޢުގެ އެންމެހައި ފަރާތްތަކުން އެއް އަމާޒަކަށް މަސައްކަތްކުރުން މުހިންމެވެ. ޢާއިލާތަކުގެ ދައުރު ފުޅާކޮށް، ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމާއި، ޒުވާނުންނަށް ރަނގަޅު ފުރުޞަތުތައް ހޯދައިދިނުމަކީވެސް މި މައްސަލައަށް ހައްލު ހޯދުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.
ނިންމާލަމުން ދަންނަވާނީ، މަސްތުވާތަކެތީގެ މައްސަލައަކީ ނިމުމެއް ނެތް ވަބާއެއް ކަމުގައި ދެކި، މި މައްސަލައަށް ހައްލު ހޯދުމަށް ކުރެވޭ މަސައްކަތްތައް ހުއްޓާލުމުގެ ބަދަލުގައި، އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުން މުހިންމެވެ. ސަރުކާރާއި، މުޖުތަމަޢުގެ އެންމެހައި ފަރާތްތަކުން އެއް އަމާޒަކަށް މަސައްކަތްކޮށްފިނަމަ، މި ވަބާއިން އަޅުގަނޑުމެންގެ ޤައުމު ސަލާމަތްކުރެވޭނެކަން ޔަޤީނެވެ. އަޅުގަނޑުމެންގެ ޖީލުތައް ސަލާމަތްކުރުމަށްޓަކައި، މި މަސައްކަތުގައި ދެމިތިބުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ.

