ޝަކުވާއަށް ހުޅުވާލި ދުވަހުން ފެށިގެން މިއަދާއި ހަމައަށް އައިއިރު 600 އަށްވުރެ ގިނަ ޝަކުވާ ލިބިފައި ހުރި ކަމަށާއި އަދި މިކަމުގައި އެއްވެސް ސިޔާސީ ޕާޓީއެއް އިސްތިސްނާ ނުވާ ކަމަށް އިލެކްޝަން ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ޒަކަރިއްޔާ ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާއްމު ރައްޔިތުންގެ ޝަކުވާއަށް ހުޅުވާލީ ޖެނުއަރީ މަހުގެ 23 ފެށިގެން ފެބްރުަރީ މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ކަމަށެވެ. އެއީ އީސީގައި ދަފްތަރު ކުރެވިފައިވާ ހުރިހާ ސިޔާސީ ޕާޓީއެއްގެ ދަފްތަރު އެއްކޮށް ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އެއްވެސް ރައްޔިތަކަށް ނޭންގި އޮޅުވައިލައިގެން ނުވަތަ ޕާޓީއަކަށް ވަނުން މަނާ މީހަކު ހުރިތޯއާއި އެކަންކަމަށް ޝަކުވާއަށް ހުޅުވާލައިފައިވާ ކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ދޭ ހިދުމަތްތައް ޑިޖިޓަލް ކުރުމަކީ އީސީގެ ސްޓްރެޓީޖިކް ޕްލޭނުގައިވާ ސްޓްރެޓީޖިކް ލަނޑުދަނޑިއެއް ކަމަށެވެ. އަދި މި ޕްލޭންގެދަށުން ފާއިތުވި 3 އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް އައިއިރު އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީގެ މެމްބަރެއްތޯ ބެލުމުގެ ހިދުމަތް މިދިޔަ އަހަރު ތައާރަފްކޮށްފައިވާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އިންތިހާބާއި ގުޅިގެން ރީ ރަޖިސްޓްރޭޝަން ކުރުމުގެ ހިދުމަތްވެސް ލިބެން ހުންނާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް މިހާ ހިސާބަށް އައިއިރު ނުކުރެވި އޮތް ކަމަކީ ސިޔާސީ ޕާޓީތަކުގެ މެމްބަރެއްގެ ގޮތުގައިވުމަށް ހުށައަޅާ ހުށައެޅުން ޑިޖިޓަލް ޕްލެޓްފޯމަށް ބަދަލުކުރުން. އެކްނ ނުވެ އަސްލު ދިގުލައިގެން ދިޔަ މައިގަނޑު ސަބަބަކީވެސް ސްޓްރެޓީޖިކް ޕްލޭނުގައި އެހެން އޮތް ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ކަނޑައެޅި އިސްލާހުތައް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައި އޮތީމަ އެ މަޖިލީހަށް ވަދެގެން އެހެން އަންނަ އިސްލާހުގެ މަރުހަލާއެއް އަޅުގަނޑު މަޑުކޮށްގެން މިތިބީ. އެހެންނަމަވެސް އިނގިވަޑައިގަންނަވާނެ މި ސިޔާސީ ޕާޓީތަކަށް ނޭންގި ވެއްދުމާއި މި އޮޅުވާލުމުގެ މަސައްކަތް ކޮންމެ އަހަރަކުވެސް ހިނގަމުން އައިސް އަހަރަކަށް ވުރެ އަހަރެއް މައްސަލަ ބޮޑުވެގެން އަންނާތީވެ އަޅުގަނޑުމެން ދެން އިތުރަށް މަޑުނުކޮށް ގަވާއިދަށް ބަދަލުގެނެސްގެން މެމްބަރުންގެ ގޮތުގައި ސިޔާސީ ޕާޓީގައި ރަޖިސްޓްރީ ވެވޭނީ އީފާސް މެދުވެރިކޮށް ކަން ކަނޑައަޅައި އެކަން ނިންމާ އިއުލާނު ކޮށްފަ އެއޮތީ“
ސިޔާސީ ޕާޓީތަކުގެ މެމްބަރަކަށް އީފާސް މެދުވެރިކޮށް ވެވޭނެ ގޮތުގެ ގަވައިދު މިހާރު ވަނީ ގެޒެޓު ކުރުމަށް ފޮނުވައިފައި ކަމަށް މެމްބަރު ޒަކަރިއްޔާ ވިދާޅުވިއެވެ. ގަވައިދަށް ގެނެއި މައިގަނޑު ބަދަލުތުގެ ތެރޭގައި ކަރުދާސް ފޯމު ފުރާ، ފޯމުގައި ފިންގަރ ޕްރިންޓް ޖަހައިގެން ޕާޓީ އުފެއްދުމަށްވެސް ފޯމު ހުށައެޅުމާއި އަދި ޕާޓީއަށް ވަނުމަށްވެސް ފޯމު ހުށައެޅުމުގެ ބައި މުޅިއެކު ޑިޖިޓަލް ކުރެވިގެން ދިއުން ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
ޒަކަރިއްޔާ ވިދާޅުވީ ގަވައިދަށް މި ބަދަލުތައް ގެނައުމާއި އެކު ކުރިން މެމްބަރުން އިތުރު ކުރުމަށްޓަކައި ފޯމު ފުރުން ސިޔާސީ ޕާޓީތައް އަތުގައި އޮތްނަމަވެސް އެމަސައްކަތްތައް އެއްކޮށް ހުއްޓޭނެ ކަމަށެވެ. ގަވައިދު ގެޒެޓުވާ ހިސާބުން ފެށިގެން ޕާޓީއަށް ވަނުމާއި ކެނޑުމާއި އެފަދަ ހުރިހާ އިހުތިޔާރެއް އޮންނާނީ އާއްމު މީހާގެ އަތް މަތީގައި ކަމަށެވެ.
ޒަކަރިއްޔާ ވިދާޅުވީ އެމީހެއްގެ އަމިއްލަ އީފާސް އެކައުންޓަކުންވަދެ އެމީހަކު ބޭނުން ޕޓީއަކަށް ގުޅޭ ހިސާބުން އެ ޕާޓީއަކަށް ނޮޓިފިކޭޝަން ދާނެ ކަމަށެވެ. އަދި ޕާޓީގެ އަސާސީ ގައިވާ ހިލާފު ނުވާ ގޮތަކަށް މެމްބަރުން ކަންކަން ކުރައްވާފައިވާނަމަ އެ ޕާޓީއަކުން އެޕްރޫވަލް ދޭނެ ކަމަށެވެ.

