2025 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 708.1 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީން ބުނެފިއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު 5 އިންސައްތަގެ އިތުރުވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ޖަނަވަރީ މަހު ރިޒާވުން ޚަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުން ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އެގޮތުން، ޖަނަވަރީ މަހުގެ ނިޔަލަށް ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ޑިސެންބަރު މަހާ އަޅާބަލާއިރު 12 އިންސައްތަ އިތުރުވެފައި ވާ ކަަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ. އަދި، ބޭރު ފައިސާއާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު 2024/R-91)ގެ ދަށުން ގެނެވުނު ބަދަލާއެކު، މި މުއްދަތުގެ ތެރޭގައި އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެފައި ވުމަކީ ވެސް މީގެ އެއް ސަބަބެވެ.
ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކަށް، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ލިބިފައިވާ ބޭރު ފައިސާގެ އާމްދަނީއަށް ބިނާކޮށް، ފާއިތުވި ޖަނަވަރީ މަހުގެ ނިޔަލަށް ބޭންކުތަކަށް 50 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރަށް މާރުކޮށްފައިވާކަން ވެސް މި ފުރުޞަތުގައި ފާހަގަކުރަމެވެ. އަދި މި މުއްދަތުގައި، ރާއްޖޭގެ ރިޒޯޓުތަކުގެ ތެރެއިން 90 އިންސައްތަ ރިޒޯޓުތަކުން މި ގަވާއިދާ އެއްގޮތަށް ބޭންކިން ނިޒާމަށް ބޭރު ފައިސާ މާރުކޮށްފައިވާތީ، ފަތުރުވެރިކަމުގެ ސިނާއަތުން މިކަމަށް ލިބޭ އެއްބާރުލުން ފާހަގަކުރަމެވެ.

