ކަނޑުއުޅަނދުފަހަރު ފަރަށް އެރުމުން އެ އުޅަނދުތައް ޖޫރިމަނާ ކުރި ނަމަވެސް، ޖޫރިމަނާގެ ފައިސާ ނުދައްކާތީ ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ކޮމިޓީން މިހާރު ނިންމާފައިވަނީ ޖޫރިމަނާ ނުދައްކާ ނަމަ އެ ބަޔަކު ކުރާ ވިޔަފާރިއެއް ހުއްޓުވުމަށް މަޝްވަރާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމަށެވެ. އެގޮތުން އެ ފަރާތްތަކުގެ ވިޔަފާރި ހުއްޓުވުމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުން ކޮމިޓީއަށް ހާޒިރު ކުރުމާއި، އެކަމާ ގުޅޭގޮތުން އެންވަރަމެންޓް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީއާވެސް މަޝްވަރާ ކުރުމަށް ވަނީ ހުށަހެޅިފައެވެ.
މީގެ އިތުރުންވެސް މި މައްސަލަ ޙައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
ބޯޓުތައް ފަރަށް އެރުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ޖުރިމަނާ ދެއްކުމަށް އެންގި ނަމަވެސް އެއާއި އެއްގޮތަށް ކުންފުނިތަކުން ފައިސާ ނުދައްކާ މައްސަލަ ބޮޑެވެ.
އަދި މީގެ ތެރެއިން ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގު ބޯޓެއް ފަރަށް އަރައި ލިބުނު ގެއްލުމަށް 100 މިލިއަން ރުފިޔާގެ ޖުރިމަނާ ދެއްކުމަށް ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ނުދެއްކި މައްސަލަ ވެސް އީޕީއޭއިން ކޯޓަށް ހުށަހެޅި އެވެ.
އޭގެ އިތުރުން، ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމް ފަރަށް އަރައި ލިބުނު ގެއްލުންތަކަށް އެފްކޮންސްގެ މައްޗަށް ކުރި ޖުރިމަނާގެ މައްސަލައިގެ ފައިސާ ނުދައްކާތީ، އެކަންވެސް ކޯޓަށް ހުށަހެޅިއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާއެވެ.

