ރިޔާސީ އިންތިހާބުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން މަހުގެ އަގު 25 ރުފިޔާއަށް ބަދަލުކުރުމުގެ ސަބަބުން މަހުން އުފެއްދުންތައް ތައްޔާރުކުރާ ވިޔަފާރިތައް ބަނގުރޫޓުވުމާއި ގާތަށް ދިޔަކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އާމްދަނީ ރަނގަޅުކުރުމާއި ގުޅޭގޮތުން ކެންދޫ ދާއިރާގެ މެމްބަރު މައުރޫޒް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސް ކައްކާ ހިއްކުމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ސަރުކާރުން އަޅާނުލާ ދޫކޮށްލާކަމުގެ ޝަކުވާގެ އަޑު އަބަދުވެސް އިވިގެންދާކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުގައި އެކަން އެގޮތަށް އޮތްކަމަކީ ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަށާއި އެމީހުން އެދޭ ފަދަ ތަރައްގީ ނުގެނެވި އޮތްކަމަކީ އެންމެވެސް ދަންނަ ހަގީގަތެއްކަމަށެވެ.
އެންކަމުން އެފަދަ ހާލަތެއްގައި ތިބިއިރު އެމްޑީޕީގެ ވެރިކަމުގެ ދައުރު ނިންމާލިއިރު އެ ހާލަތު އިތުރަށް ގޯސްވެފައިވުމަކީ ހިތާމަވެރި ކަމެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި ދެވަނަ ބުރުގެ ދޭޔެރޭގައި 17 ރުފިޔާއަށް ހުރި މަހުގެ އަގު 25 ރުފިޔާއަށް ބަދަލުކުރި ކުރުން ވެގެންދިޔައީ ގާތްގަނޑަކަށް މަހުގެ އުފެއްދުންތައް އުފައްދާ ހުރިހާ ވިޔަފާރިތަކެއް ބަނގުރޫޓުވުމަށް މެދުވެރި ސަބަބަށް ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން މަސް ގަނެވެނީ ދައުލަތުގެ ކުންފުނިކަމަށްވާ މިފްކޯއަށް އެކަނިކަމަށާއި ރިޔާސީ އިންތިހާބުގެ ތެރޭގައި އެ މަސައްކަތްތައް ކުރެވިފައިވަނި އެއްވެސް މިންވަރަކަށް ދިރާސާކުރުމެއް ނެތިކަމަށް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ދިން އެންމެ ބޮޑު އަދި ފުރަތަމަ އުންމީދަކީ އެއްވެސް ބަލާލުމެއް ނެތި ނިމިދިޔަ ސަރުކާރުން މަހުގެ އަގާއި ގުޅޭގޮތުން ނިންމި ނިންމުން ބަދަލުކުރުންކަމަށެވެ. އެގޮތުން މި ސަރުކާރުންވަނީ ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ހުންނަ މިންވަރަށް ރިއާޔަތްކޮށް ބަދަލުވެގެންދާ ގޮތަށް ކަނޑައަޅާފައިކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުގައި މަސް ހިއްކާ ފަރާތްތަކަށްވެސް ބާނާ މަސް ލިބޭނެ މަގު ތަނަވަސްވެފައިވާކަމަށެވެ. އަދި 25 ރުފިޔާއަށް ހުރިއިރު މިފްކޯއަށް މަސް ގަތުމަށްފަހު އެފަރާތްތައް ގަތުމަށްޓަކައި އެއްވެސް ދޯންޏަކު މަހެއް ނުހުންނަކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެކަމުގެ ނަތީޖާއަކީ ގަންނާނެ މަހެއް ނެތި، މަސައްކަތްތައް ކުރިއަށް ނުގެންދެވި ކުރެވިފައިވާ އިންވެސްޓްމެންޓުތަކާއިއެކު ދަރަނިވެރިވެގެންދިއުންކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި މިފްކޯއާއި އެއްފަދައިން ހަރަކާތްތެރިވަމުންދިޔަ އަމިއްލަ ކުންފުނިތަށްވެސް ބަނގުރޫޓުވާ ހިސާބަށް ދިޔަކަމަށެވެ.

