މީގެ ކުރިން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި މީހުންނަށް ރައްޔިތުންގެ ގާތަށް ގޮސް ބޭނުންވާ ކަންކަން ދެނެގަތުމުގެ މަސައްކަތްތައް ކުރެވިފައިނުވައި ނުވާ ސަބަބާއިމެދު ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ސުވާލު އުފައްދަވައިފިއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ، ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ޑރ މުއިއްޒުވަނީ ސަތޭކަ ފަންސާހަށްވުރެ ގިނަ ރަށަށް ވަޑައިގެންފައިވަކަމަށެވެ. އެހެންކަމުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ދަތުރުނުކުރެއްވެނީ މަދު ރަށަކަށްކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުންވަނީ އެކަމަކީ ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަކޮށްފައިކަން ފާހަގަކުރެއްވިއެވެ.
ފަލާހު ވިދާޅުވީ، ރަށްތަކުގައި ދިރިއުޅުއްވާ ކައުންސިލަރުން އަމިއްލަ ޖީބުން ހަރަދުތަކެއް ކުރައްވައިގެން މާލެ އައިސް ބޮޑު އަގުގައި ތަންތަން ހިފައިގެންތިބެ މިނިސްޓްރީތަކާއިއެކު ބައްދަލުވުންތައް ބޭއްވުންތޯ ނުވަތަ ރައީސް އަމިއްލަފުޅަށް ރަށްތަކަށް ވަޑައިގެން މީހުންނާއި ބައްދަލުކުރެއްވުންތޯ ހަރަދުކުޑައީ ސުވާލު އެފެއްދުން މުހިންމުކަމަށެވެ.
މެމްބަރު ވިދާޅުވީ، މީގެ ކުރިން ތިއްބެވި ވެރިންނަށް އެކަން ނުކުރެއްވުނީ ކަންނެތްކަމުންތޯވެސް ބަލަންޖެހިފައިވާކަމަށާއި އޮފީސް ވަގުތު ނިންމަވާލެއްވުމަށްފަހު ކޮންމެ ދުވަހެއްގައިވެސް މާލޭގެ ގަނޑުވަރުގައި އިންނަވަން ފަސޭހަވާނެކަމަށް ވިދާޅުވިއެވެ. ފަލާހު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުވަނީ ރެކޯޑެއް ހައްދަވާފައިކަމަށާއި އެމަނިކުފާނުގެ ޒައާމަތުގައި އެއް އަހަރާއި މަދު ދުވަސްތަކެއް ހޭދަވެފައިވާއިރު މީހުން ދިރިއުޅުއްވާ ގިނަ އަދަދެއްގެ ރަށްތަކަށް ވަޑައިގެންފައިވާކަމަށެވެ. ފަލާހު ވިދާޅުވީ، ރައްޔިތުންދެކެ ލޯބިވާ ރައީސުން އަމަލުކުރައްވާނީ އެގޮތަށް ކަމަށެވެ.

