ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގަމުން ދިޔަ އިތުރު ބިދޭސީންތަކެއް އަނެއްކާވެސް އަތުލައިގެންފި އެވެ.
މީގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ، ފުޅާ ދާއިރާއެއްގައި ރާއްޖޭގައި މިފަދަ އެކި ވިޔަފާރި ކުރަމުން ދިޔަ މީހުންތައް ހިފަހައްޓައި ޑީޕޯޓުކޮށްލާފަ އެވެ.
އެންމެ ފަހުން ގެންދިޔަ ރެއިޑާއި ގުޅޭ މައުލޫމާތު އާންމުކޮށް އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި، ހާއްސަ އޮޕަރޭޝަންތައް ހިންގަމުންދާކަމަށެވެ. އެގޮތުން ފުލުހުންގެ ބައިވެރިވުމާއި އެކު އިމިގްރޭޝަންގެ ރެއިޑެއްގައި ހިފަހައްޓާފައި ވަނީ 39 އަހަރުގެ އިިންޑިއާއަށް ނިސްބަތްވާ އަނެހަނަކާއި 52 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. މީގެ ތެރޭގައި ހިމެނޭ ނޭޕާލް ރައްޔިތަކީ، އެ ވިޔަފާރީގެ އެޖެންޓުގެ ގޮތުގައި އުޅުނު މީހެއްކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި ގުޅޭ ބޮޑެތި އޮޕަރޭޝަންތައް ހިންގައި މިހާތަނަށް އަނބުރާ ގައުމަށް ފޮނުވާލި މީހުންގެ އަދަދު ހަ ހާހުން މައްޗެވެ. އަދި އިމިގްރޭޝަންގެ އެކި ރެއިޑުތަކުގައި އެއްވެސް ސާފުތާހިރުކަމެއް ނެތި ކާބޯތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ތަންތަން ވެސް ބަލައި ފާސްކޮށްފައި ވެއެވެ.

