ބޮންޑެޑް ވެއަރހައުސްތަކެއްގައި ހުރި ސިނގިރޭޓު ގަވާއިދާ ޚިލާފަށް ނެރުނު މައްސަލަ ބަލަމުންދާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފިއެވެ.
ކަސްޓަމްސްއިން ބުނީ، އެގްޒޯޓިކް އެންޓަޕްރައިޒަސް ބޮންޑެޑް ވެއާހައުސްގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ކަސްޓަމްސްއިން ގޮސް ޗެކްކުރިއިރު، އެ ތަނުގައި ހުންނަންޖެހޭ 575 ކޭސް ސިނގިރޭޓު ގަވާއިދާ ޚިލާފަށް ނެރެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން، އެސްޖީއެމް ބޮންޑެޑް ވެއާހައުސް ގެ ނަމުގައި ކަސްޓަމްސްގައި ރަޖިސްޓަރީ ކޮށްފައިވާ ބޮންޑެޑްވެއަރހައުސް ޗެކްކުރިއިރު، އެތަނުގައި ހުންނަންޖެހޭ 250 ކޭސް ސިނގިރޭޓާއި 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ޚިލާފަށް ނެރެފައިވާކަން ފާހަގަ ކުރެވިފައިވާކަމަށްވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
މި ދެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ކަސްޓަމްސްއިން މިހާރު ދަނީ ތަޙްގީގްކުރަމުންނެވެ.
އަދި، މި ދެ ބޮންޑެޑްވެއަރހައުސްގެ ރަޖިސްޓަރީ ބާޠިލުކޮށް، މި މައްސަލައިގައި ހިމެނޭ މުދަލަށް އެކްޒޯޓިކް އެންޓަޕްރައިޒަސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 47,182,011.86 (ސާޅީސް ހަތް މިލިއަން އެއްލައްކަ އައްޑިހަ ދެހާސް އެގާރަ) ރުފިޔާ އާއި އެސްޖީއެމް ބޮންޑެޑްވެއަރހައުސްއިން ކަސްޓަމްސްއަށް ދައްކަންޖެހޭ 20,720,412.54 (ވިހި މިލިއަން ހަތްލައްކަ ވިހިހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ) ޝަރީޢަތް މެދުވެރިކޮށް ހޯދުމަށްޓަކައި، މި ދެ މައްސަލަ ވަނީ ބަންޑާރަނައިބުގެ އޮފީހަށްވެސް ފޮނުވާފައެވެ.
ބޮންޑެޑްވެއަރހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއަރހައުސްތަކުގައި ނުބެހެއްޓޭގޮތަށާއި، މީހުން ދިރިއުޅޭ ޢިމާރާތެއްގައި ނުވަތަ ޢިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއަރހައުސް ނުހެދޭގޮތަށް ކަސްޓަމްސްގެ ޢާންމު ގަވާއިދަށް މިހާރު ވަނީ އިސްލާޙުވެސް ގެނެސްފައެވެ.

