ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގެ ތެރެއިން 2024 ވަނަ އަހަރު އެންމެ ގިނައިން ރެޖިސްޓްރީ ކުރެވިފައި ވަނީ އިހުތިފާލު އޮންނަ ބާވަތުގެ ދައުވާތައްކަމަށް ސިވިލް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސިވިލް ކޯޓުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، އެ ކޯޓުގައި ޖުމްލަ 5،142 ގަޟިއްޔާ ރެޖިސްޓްރީ ކުރެވިފައި ވެއެވެ.
ކޯޓުން ބަލާ މައްސަލަތައް ބެހިގެންދާ މައިގަނޑު ތިންބައިކަމުގައިވާ އިހުތިފާލު އޮންނަ ބާވަތްތަކުގެ ދައުވަތާއި އިހުތިފާލެއް ނެތް ބާވަތުގެ މައްސަލަތަކުގެ އިތުރުން ހުކުމް ތަންފީޒު ކުރުމުގެ މައްސަލަތަކުގެ ތެރެއިން 2024 ވަނަ އަހަރު އެންމެ ގިނައިން ރެޖިސްޓްރީ ކުރެވިފައި ވަނީ އިހުތިފާލު އޮންނަ ބާވަތުގެ ދައުވާތަކެވެ. އެގޮތުން އިހުތިފާލު އޮންނަ ބާވަތުގެ 2،419 ދައުވާ ރެޖިސްޓްރީ ކުރެވުނު އިރު އިހުތިފާލެއް ނެތް ބާވަތުގެ 51 މައްސަލައެއް ވަނީ ރެޖިސްޓްރީ ކުރެވިފައެވެ. އަދި ހުކުމް ތަންފީޒު ކުރުމުގެ 2،208 މައްސަލައެއް ރެޖިސްޓްރީ ކުރެވުނުކަމަށް މައުލޫމާތު ދިނެވެ.
ސިވިލް ކޯޓުގެ ތަފްސީލުތަކުން އެނގޭ ގޮތުގައި 2024 ވަނަ އަހަރު، ނުނިމި ހުރި ޖުމްލަ 4،759 ގަޟިއްޔާގެ ތެރެއިން 2،368 މައްސަލައަކީ ހުކުމް ތަންފީޒު ކުރުމުގެ ގަޟިއްޔާތެކެވެ. އަދި އިހުތިފާލު އޮންނަ ބާވަތުގެ 2،047 ދައުވާ ނިނިމި އޮތް އިރު އިހުތިފާލެއް ނެތް ބާވަތުގެ 344 މައްސަލަ ނުނިމި އޮތްކަން ފާހަގަކުރެވެ އެވެ.
ސިވިލް ކޯޓުން ބުނީ މީގެތެރޭގައި 2024 ވަނަ އަހަރު ރެޖިސްޓްރީ ކުރެވުނު ގަޟިއްޔާތަކުގެ ތެރެއިން 2،449 މައްސަލަ ހިމެނޭ ކަމަށެވެ.

