އެކި ދާއިރާތަކުން ސްޓެލްކޯގެ މުވައްޒަފުން ތަމްރީނުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއިއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. އަދި ސިވެކްގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ސިވެކްގެ މެނޭޖިންގ ޑިރެކްޓަރ ކާނަލް އަޙުމަދު ޒުބައިރުއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ ޤައުމުގަ ހިނގާދިޔަ ކަންތައްތަކާ އަދި ބައެއް އިވެންޓްތަކުގަ، ސަޓެލްކޯގެ ބައެއް މުވައްޒަފުން ރެސްކިއު ބައެއް އޮޕަރޭޝަންތައް ހިންގާފައި ހުރިކަމަށެވެ.
”ރައްޔިތުންގެ ތެރޭން މިސާލަކަށް މޫދަށް ވެއްޓުނު މީހަކު ނަގާފަ އެބަހުރި. އަދި އަޅުގަނޑުމެންގެ ޕްރޮޕަޓީޒްތަކަށް ވައްކަންކުރަން ވަތް މީހުންނާވެސް އެބަހުރި އަޅުގަނޑުމެންގެ މުވައްޒަފުން ކޮންފްރަންޓް ކޮށްފަ. އަޅުގަނޑުމެން ބަލާލިން މި ބޭފުޅުންނަކީ މި ޓްރޭނިންގ ޕްރޮގްރާމް ހަދާފަ ތިބި ބައެއްތޯ. މީގެން ކުރި ފައިދާއެއްތޯ، އަސްލުގަ މި ބޭފުޅުން މިކަހަލަ ކަމެއް ދިމާވީމަ އިސްނަގަން ކެރުނީ ކިހިނެއްތޯ. ބެލީރުގަ ދަންނަވަންތޯ ހުރިހާ މުވައްޒަފުންނަކީވެސް އަޅުގަނޑުމެން މި ހިންގި ލީޑަރޝިޕް ޓްރެއިނިންގ ޕްރޮގްރާމްގަ އެމްއެންޑީއެފް ބޭކަލުން އަޅުގަނޑުމެންނަށް ޓްރެއިން ކޮށްދެއްވާފަ ތިބި ބޭފުޅުން. އެހެންވީމަ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ މަސައްކަތުގެ މާޙައުލުގަވެސް، އަދި ޤައުމަށް ޚިދުމަތްކޮށްދިނުމުގަވެސް، އަދި އަމިއްލަ އާއިލީ ދިރިއުޅުމުގަވެސް، މި ޕްރޮގްރާމަކީ ފައިދާ ކުރާނެ ޕްރޮގްރާމެއް. ފައިދާ ކުރާ ޕްރޮގްރާމެއް.“
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ ޙުސައިން ފަރުހާދު ވިދާޅުވީ އެމްޑީގެ އިސްނެންގެވުމުގެ މަތިން، އެމްޑީގެ މޮޓޯގެ ދަށުން، މިހާރު ސިވެކް ކުންފުނީގެ އަމާޒަކީ، ކުންފުނީގާ އިޚްލާސްތެރި، ވަފާތެރި، ބުރަކޮށް މަސައްކަތްކުރާ، ހިތްވަރާ އަޒުމާއެކު، އެކުވެރިކަމާއެކު، ކުންފުނީގެ ތަޞައްވުރާ، މުހިންމަތާ، އަދި ކުންފުނީގާ ރާވާލެވޭ ސްޓެރެޓެޖިކް އޮބްޖެކްޓިވްސްތައް އެޗީވް ކުރާނެ ވަރުގަދަ ޓީމެއް ޤާއިމްކުރުން ކަމަށެވެ.
އެމްއެންޑީއެފްގެ އެހީގައި މިހާރު ކުރިއަށްދާ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމް، ސްޓެލްކޯގެ 668 މުވައްޒަފުން މިހާރު ވަނީ ފުރިހަމަކޮށްފައެވެ. ސޮއިކޮށްފައިވާ ފަހުމުނާމާގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ކުންފުނީގެ ހުރިހާ މުވައްޒަފުން މި ޕްރޮގްރާމް ފުރިހަމަ ކުރުމެވެ.
މިއަދު ވެވުނު ފަހުމުނާމާގެ ދަށުން ސިވެކްގެ އެހީގައި ސްޓެލްކޯގެ މުވައްޒަފުންނަށް އިތުރު ތަމްރީނު ހިންގުމަށް އެއްބަސްވެވުނު ދާއިރާތައް:
• ބޭސިކް ފަސްޓް އެއިޑް
• ފަޔަރ އެވެއާނެސް
• އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް
• ސެކިއުރިޓީ އޮފިސަރުންގެ ޓްރެއިނިންގ
• ސުވިމިންގް އެންޑް ރެސްކިއު
• ލައިފް ކޯޗިންގ
މީގެ އިތުރުން ފަޔަރ އެވެކުއޭޝަން ޑްރިލް ބޭއްވުމަށް އެހީވުމާއި އިންޖީނުގެތަކުގައި ޤާއިމްކޮށްފައިވާ އަލިފާން ނިއްވާ ނިޒާމު ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުންވެސް ފަހުމުނާމާގައި ހިމެނިފައިވެއެވެ.

