މިއަހަރު އަނެއްކާވެސް 7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށައަޅާނެކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު ބޭއްވި ޕްރެސްގައި ވިދާޅުވީ ސަރުކާރުން 2025 ވަނަ އަހަރަށް ބަޖެޓު ހުށައަޅައެޅުމަށްފަހު، ޕްލޭނާއި އެއްގޮތަށް ކަންކަން ކުރަމުންދާ ތަން ނުފެންނަ ކަމަށެވެ. އަމީރު ވިދާޅުވީ ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތައް ބަޖެޓުގައި ފާހަގަކޮށްފައިވާ ކަމަށެވެ. އޭގެތެރޭގައި އަސާސީ ޕެންޝަން ހަމައެކަނި ހައްގުވެރިންނަށް ދިނުމަށް ކަނޑައަޅައިފައިވާ ކަމަށާއި، އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ ޕެންޝަންގައި ރިފޯމްތައް ގެންނާނެ ވާހަކަވެސް ފާހަގަކުރާ ކަމަށް އަމީރު ވިދާޅުވިއެވެ.
އެހެންނަމަވެސް އަމީރު ވިދާޅުވީ ފެންނަމުންދާ މަންޒަރަކީ ބަޖެޓު ޖެނުއަރީ ނުވަތަ ފެބްރުއަރީއަށް ނުދަނީސް، ސަރުކާރުގެ އިސްބޭފުޅުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ވަރަށް ބޮޑުތަނުން ބަދަލުވެފައިވާ ވާހަކަ ކަމަށެވެ. އޭގެތެރޭގައި ސަބްސިޑީ ކުޑަނުކޮށް މިހާރަށްވުރެ ބޮޑު ކޮށްދޭން ރައީސްގެ ވައުދުފުޅެއް އައިސްފައިވާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
އެއްވެސް ރައްޔިތަކަށް ދޭ ސަބްސިޑީއެއް އާސަންދައެއް ނުވަތަ ޕެންޝަނެއް ނުކަނޑާނެ ވާހަކަ ވެސް އަންނަކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވީ ގާބޫލު ކުރަނީ އާސަންދަ ރިފޯމްކޮށްގެން އެންމެންނަށްވެސް ސިއްހީ ނިޒާމުގެ ޔަގީންކަން އޮންނަން ޖެހޭނެ ކަން ކަމަށެވެ. އެހެންނަމަވެސް ބަޖެޓުގައި ހުރި ކަންކަން އެ ޕްލޭނާއި އެއްގޮތަށް ނުދާނެކަން ފާހަގަކޮށްލަން ބޭނުންފުޅުވާ ކަމަށް އަމީރު ވިދާޅުވިއެވެ.
ސަރުކާރުން ގެންނަ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތާއިއެކު ބަޖެޓުގައި ގާތްގަނޑަކަށް 7.7 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް އޮތް ކަމަށް އަމީރު ވިދާޅުވިއެވެ. އެހެންނަމަވެސް ޖެނުއަރީ މަސް ފެށިގެން ދިޔައިރު ހަރަދު ކުޑަ ކުރުމުގެ އެއްވެސް ވިސްނުމެއްވެސް ނެތް ކަން ފެނިވަޑައިގަންނަވާ ކަމަށް އަމީރު ވިދާޅުވިއެވެ.
މީގެއިތުރުން އަމީރު ވިދާޅުވީ ސިޔާސީ ކުންފުނިތައްވެސް ދަނީ އިތުރުވަމުން ކަމަށާއި އަދި ކުްނފުނިތަކަށް ނަގާ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުން ކަމަށެވެ. އަދި މިހެން ކަންކަން ކުރިއަށްދާނަމަ މި 7.7 ބިލިއަން ސަރުކާރަށް ސަލާމަތް ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އަމިރު ވިދާޅުވިއެވެ.

